މިސްރުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ތިން ވަނަ ހޮވާ މެޗުގައި ރޭ ޓިއުނޭޝިޔާ ގާތުން ނައިޖީރިއާ މޮޅުވެއްޖެ އެވެ.
މިފަހަރުގެ މުބާރާތުގައި ނައިޖީރިއާއިން ދަމަހައްޓަމުން އައި މޮޅު ކުޅުމަށް އުފާވެރި ނިމުމެއް ގެނައުމުގެ ގޮތުން ރޭ ޓިއުނީޝިއާ ބަލިކޮށް އެ ޓީމުން ލޯ މެޑްލް ހޯދީ 0-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަލްޖީރިއާ އަތުން ހިތްދަތި ގޮތަކަށް ސެމީ ފައިނަލުގައި ބިލިވި ނަމަވެސް ނައިޖީރިއާއިން ރޭގެ މެޗުގައި ވަނީ ހިތްވަރާ އެކު ކުޅެ ތަފާތު ދައްކާފަ އެވެ.
މުބާރާތް ފެށުނީއްސުރެން މޮޅަށް ކުޅެމުން އައި ނައިޖީރިއާ ސެމީއިން ކަޓައިގެން ދިޔައީ އިތުރު ވަގުތުގެ ވެސް ފަހު ސިކުންތުކޮޅު ލިބުނު ހިލޭ ޖެހުމަކުން އަލްޖީރިއާގެ ކެޕްޓަން ރިޔާދު މަހްރޭޒް ޖެހި ގޯލަކުންނެވެ. އަނެއް ކޮޅުން ރޭގެ މެޗުން ބަލިވި ޓިއުނީޝިއާ ސެމީއިން ކަޓުވާލީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ސެނެގޯލެވެ.
ސެމީ ފައިނަލުން ކެޓި ދެ ޓީމުން ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ޖެހި ހަމައެކަނި ގޯލު ނައިޖީރިއާއިން ޖެހީ ޓިއުނީޝިއާގެ ޑިފެންޑަރު ޔާސިން މެރިއާއާއި ކީޕަރު މޮއެޒް ބިން ޗެރިއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ޓިއުނީޝިއާގެ ދެކުޅުންތެރިން އެއްބޯޅައަކަށް ކުޅެން އުޅުމުގެ ތެރޭގައި ހެދުނު އެ ގޯހުގެ ސަބަބުން އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ނައިޖީރިއާގެ ފޯވާޑު އޮޑިން އިގާލޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އިގާލޯގެ ގޯލަށް ފަހު ޓިއުނީޝިއާ އިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ޓީމު ކުރިއަށް ޖައްސައިގެން އެ ޓީމުން އަވަސް ކުޅުމެއް ކުޅުނު ނަމަވެސް ނައިޖީރިއާގެ ޑިފެންޑަރުންނާއި ގޯލް ކީޕަރު ވަނީ ޓިއުނީޝިއާގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި އަލްޖީރިއާއާއި ސެނެގޯލް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ މިސްރުގެ ކެޕިޓަލް ކައިރޯގަ އެވެ.