ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާ އާއި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާ ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރސް (ޖީވައިޕީ.އޭ)" ޓްރެއިނިން ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.
ރަފީއިން ބުނީ ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ މަހު 28 އިން 31 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމުގެ ތެރެއިން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވަނީ ޖީވައިޕީއޭ ނިންމުމުގެ ރަސްމިއްޔާތުގައި ކަމަށެވެ. އަދި ޕްރޮގްރާމުގެ ތެރެއިން ހުރިހާ ބައިވެރިން ހިމެނޭ ގޮތަށް ކުރިޔަށްގެންދާ ސްނޯކްލިން އިވެންޓެއްގައި ކަމަށެވެ.
ޖީވައިޕީއޭގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު ހަމަޖެހިގެން ދިޔުމުން ރަފީ ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ ގައުމީ ފެންވަރުގަ އާއި ދުނިޔޭގެ ފެންވަރުގައި ޕީސްއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ވަރުގަދަ ޝަހުސިއްޔަތެއް ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖެހިގެންދިޔުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
އަދި ރަފީއިން ދެއްވި ދައުވަތު ގަބޫލުކުރެއްވި ކަމަށްޓަކައި ޑރ. ރަފިއްޔާ ވަނީ ރައީސް ނަޝީދަށް ޝުކުރު ދަންނަވައިފަ އެވެ.
ރަފީއިން ބުނީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ދުވަހުން ފެށިގެން ހަރަކާތައް ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގްލޯބަލް ސްކޭލްއެއްގައި ޕީސްއަށް ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ އިވެންޓުން ޖުމްލަ 25 ގައުމު ހޮމެނޭ ގޮތަށް 150 ބައިވެރިން ތަމްރީނުވެގެންދާނެ ކަމަށް ވެސް ރަފީއިން ބުންޏެވެ.
ޕްރޮގްރާމްގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށްދާ އިރު، މިހާރު ކުރިއަށް ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައްތަކެވެ. އަދި އެ ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި އެފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ރަފީއިން ބުނެއެވެ.
އެގޮތުން މިހާތަނަށް ބައިއަތު ހިފާފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް، ވަން ވޯލްޑް، މޯލްޑިވްސް ޕޮލިސް ސާވިސް، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ހިމެނެއެވެ.
އޭގެ އިތުރުންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމުގައި ރަފީއިން ބުނެއެވެ.