ބިލްތަކާ މެދު ސަރުކާރުން ޖޭޕީއާ މަޝްވަރާ ނުކުރާކަމުގެ ޝަކުވާ

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްވެސް ބިލަކާ ގުޅޭގޮތުން ކޯލިޝަން ޕާޓީ ޖޭޕީ އާ މަޝްވަރާ ކޮށްފައި ނުވާކަމަށް، ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނާޒިމް މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ފަހު ބަސް ބުނުމަށް ރިޔާސަތުން ދެއްވި ފުރުސަތުގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް ނާޒިމް އިސްލާހު ހުށަހެޅުއްވީ ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރާށެވެ.

އެ އިސްލާހަށް ކުރިޔަށް ދިޔަ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީ އިން މަޖިލީހަށް ބިލެއް ހުށަހެޅި އިރު، އެއްވެސް ވަރަކަށް އެމްޑީޕީއާއެކު ނުވަތަ ފިނޭންސް މިނިސްޓްރީއާވެސް މަޝްވަރާކޮށްފައި ނުވާކަމަށެވެ.

ލަތީފު ވަނީ ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ ބިލެއް، އެއްވެސް މަޝްވަރާއެއް ނެތި ހުށަހެޅުމުން ޖޭޕީގެ ނިޔަތާމެދު ސުވާލު އުފައްދަވައިފަ އެވެ.

ނަމަވެސް މިއަދު ނާޒިމް ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ތިބިކަމުގައި ވިޔަސް، މިހާތަނަށް މަޖިލީހަށް ހުށަހެޅުނު އެއްވެސް ބިލެއްގައި ޖުމްހޫރީ ޕާޓީ އާއެކު ސަރުކާރުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ރެކޯޑަށްޓަކައި ދަންނަވާލަން އަޅުގަނޑުމެން ކޯލިޝަނެއް ހަދައިގެން ތިބިކަމުގައި ވިޔަސް، މިހާތަނަށް މިތަނަށް ހުށަހެޅުނު އެއްވެސް ބިލެއްގައި އަޅުގަނޑުމެން ޕާޓީ އާއެކީގައި ސަރުކާރުން މަޝްވަރާކޮށްފައެއް ނެތް. ހަމައެކަނި މީ އަޅުގަނޑު ރެކޯޑަށްޓަކައި ދަންނަވާލާ ވާހަކައެއް،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް އޭގެ މާނައަކީ ކޯލިޝަންގެ ގުޅުން ހީނަރުވެފައިވުން ނޫން ކަމަށާއި، ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވަރަށް އެކުވެރި ކަމާއެކުގައި. ކޯލިޝަން ފުރިހަމައަށް އެބަ އޮތް. އަޅުގަނޑުމެން ތާއީދު އެބަ އޮތް. ސަރުކާރާ އެކީ މިދަނީ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ އިސްލާހު ހުށަހެޅުމުގައި އެއްވެސް ސިޔާސީ ބޭނުމެއް ނެތް ކަމަށާއި، ބިލް ހުށަހެޅީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ. އަދި ބިލްގެ ސަބަބުން އެމީހުންނަށް ބޭނުންވާ ކަންތައްތަކަށް ތަސައްލީ ލިބިގެން ދާނެ ކަމަށެވެ.

"ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވާނީ ފައިސާ ދިނުމެއް ނޫން. ހަތް ކަމެއް ހުށަހެޅިން. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވާލުން އެއީ މުހިންމު ކަމެއް. ހަމައެއާއެކު ގިންތި ކުރުން ދެވަނަ ކަމެއްގެ ގޮތުގައި ހިމެނިން،" މެމްބަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބިލް ހުށަހެޅުމުގައި އެހެނިހެން ޕާޓީތަކުން ވެސް ކަން ކުރާ އުސޫލުން، ކަމާ ގުޅުންހުރި ހުރިހާ މީހުންނާ އެކު މަޝްވަރާ ކުރެވިފައި ވާނެ ކަމަށެވެ. އެގޮތުން މާލެ އާއި ދަނގެތީ ދާއިރާގެ ގެތަކަށް ގޮސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ މަޝްވަރާކޮށްފައި ވާނެ ކަމަށެވެ.

އަދި މިނިސްޓްރީތަކަށް ގޮސް، ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދާފައި ވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"ހަމަ ކަމަކަށް ކަމެއް ކޮށްލުމަށް ކޮށްފައި އޮތް ކަމެއް ނޫން މީ. މިއީ މިހާރުން މިހާރަށް ވެސް އަޅާލަން ޖެހިފައިވާ ކަމެއް. މިއީ ހެޔޮ ނިޔަތެއްގައި، އެކަހެރިވެފައި ތިބި މީހުންތަކަކަށް ލުޔެއް ހޯދައިދިނުމަށް ހުށަހެޅިފައިވާ އިސްލާހު ތަކެއް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލީހަށް ބިލް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި މެމްބަރުން ބޭނުންވާ ގޮތަށް ބިލް ބަދަލުކޮށް ބިލަށް ކަންކަން އިތުރު ކުރެވިދާނެ ކަމަށެވެ.

comment ކޮމެންޓް