އިންޑިއާގެ "ޖާސޫސު"ގެ މައްސަލައިގައި އައިސީޖޭއިން ގޮތެއް ނިންމަނީ

ޕާކިސްތާނުން ވަނީ ގުލްބުޝާން ޖަދާވް އަކީ ޖާސޫސެއް ކަމަށް އިއުތިރާފުވާ ވީޑީއޯއެއް އާއްމުކޮށްފަ -- ފޮޓޯ: އޭއެފްޕީ

އދ. (ޖުލައި 17): ޕާކިސްތާނުން ހައްޔަރު ކުރި އިންޑިއާގެ ޖާސޫސެއް ކަމަށް ބުނާ މީހާގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ގޮތެއް ނިންމާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ޕާކިސްތާނުން 49 އަހަރުގެ ގުލްބުޝާން ޖަދާވް ހައްޔަރު ކުރީ 2016 ވަނަ އަހަރެވެ. އެގައުމުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން އެގައުމަށް ގޮސް، ބަލޮޗިސްތާނުގައި ހުއްޓާ އެވެ. އޭގެ ފަހުން ޕާކިސްތާނުން ވަނީ ޖަދާވްގެ މައްޗަށް ޖާސޫސު ކުރުމުގެ ދައުވާކޮށް، މަރަން ހުކުމްކޮށްފަ އެވެ. އަދި އެގައުމުން ވަނީ އޭނާ ޖާސޫސު ކުރި ކަމަށް އިއުތިރާފުވާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

ޖަދާވްއަކީ މީގެ މީގެ ކުރިން އިންޑިއާގެ ނޭވީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ނަމަވެސް އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތުހުމަތުތައް ދޮގުކޮށް، ޖަދާވް ލައްވާ ކުށަށް އިއުތިރާފު ކުރުވީ ބިރު ދައްކައިގެން ކަމަށް ބުނެފަ އެވެ. އަދި ޕާކިސްތާނުން އޭނާ ހައްޔަރު ކުރީ އީރާނުގައި ހުއްޓާ ކަމަށާއި އޭނާއަކީ ޖާސޫސެއް ނޫން ކަމަށް ބުނެފަ އެވެ.

އިންޑިއާއިން ވަނީ މިދިޔަ އަހަރު އެމައްސަލަ އައިސީޖޭއަށް ހުށަހަޅައި، ޖަދާވްއާ ބައްދަލު ކުރުމަށް ޕާކިސްތާނުން ހުއްދަ ނުދޭ ކަމަށް ބުނެފަ އެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށް ބުނެ، ޕާކިސްތާނުގެ ހުކުމް ބާތިލު ކުރުމަށް އެދިފަ އެވެ. އެހެންކަމުން އައިސީޖޭއިން ވަނީ އެމައްސަލައިގައި ގޮތެއް ނިންމަންދެން ހުކުމް ތަންފީޒު ނުކުރުމަށް ޕާކިސްތާނަށް އަންގާފަ އެވެ.

އައިސީޖޭގެ ނިންމުމަކީ އޭގެ މައްޗަށް އަމަލު ކުރުން ލާޒިމު ނިންމުމަކަށްވީ ނަމަވެސް، އެހުކުމް ތަންފީޒު ކުރުމުގެ ބާރެއް ކޯޓަށް ލިބިފައި ނުވެ އެވެ.

comment ކޮމެންޓް