ފީފާ 20 ގައި ޔުވެންޓަސްގެ ނަމެއް ނޯންނާނެ

ފީފާ 19 ގައި ޝާއިރު ކުރި ޔުވެންޓަސްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯގެ ފޮޓޯ.

ދުނިޔޭގެ އެންމެ މަގުބޫލު ފުޓުބޯޅަ ގޭމު ކަމަށްވާ ފީފާ 20 ގެ އެޑިޝަނުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ނަން ބަދަލު ވާނެ ކަމަށް އެ ގޭމު އުފައްދައި "އީއޭ ގޭމްސް" ކުންފުނިން ބުނެފި އެވެ.

އެންމެ ފަހުގެ ފީފާ 19 ގެ ކަވާގައި ޔުވެންޓަސްގެ ޖާޒީގައި ކުރިސްޓިއާނޯ ރޮނާލްޑޯގެ ފޮޓޯއެއް ޝާއިޢު ކުރުމުން ފީފާގެ އެންމެ ވާދަވެރި ޕްރޯ އެވެލޫޝަން ސޮކާ (ޕެސް) ގޭމުން ވަނީ އަންނަ ސީޒަނަށް ނެރޭ އެޑިޝަނުގައި ޔުވެންޓަސްގެ ކަވާ ލާނީ އެ ގޭމުން ކަމަށް ބުނެފަ އެވެ. އަދި ދާދި ފަހުން ޕެސްއިން ވަނީ ޔުވެންޓަސްއާ އެކު ސްޕޮންސާޝިޕުގެ ދިގު މުއްދަތުގެ އައު ޑީލެއްގައި ވެސް ސޮއެ ކޮށްފަ އެވެ.

ފީފާ އެއްކައިރިކޮށް ޕެސްއަށް ޔުވެންޓަސްގެ ސަމާލުކަން ދިއުމުން ފީފާއިން ވަނީ އެމީހުން ދެން ނެރޭނެ އެޑިޝަނުގައި ޔުވެންޓަސްގެ ނަން ނުހިމަނާނެ ކަމަށް ބުނެފަ އެވެ. ފީފާ ގޭމު ކުންފުނިން ބުނީ ދެން އެންމެ އަވަހަށް ނެރޭ ގޭމުގައި ޔުވެންޓަސްގެ ނަމުގެ ބަދަލުގައި އެ ޓީމަށް ކިޔާނީ "ޕިއޮމޮންޓޭ ސެލްސިއޯ" މި ނަމަވެ.

އަދި ޔުވެންޓަސްގެ ލޯގޯގެ ބަދަލުގައި ވެސް ބޭނުން ކުރާނީ ކަސްޓަމައިޒް ލޯގޯއެއް ކަމަށައި ޖާޒީ ވެސް ހުންނާނީ އޮފިޝަލް ޖާޒީއާ މުޅިން ތަފާތުކޮށް ކަމަށް އީއޭ ސްޕޯޓްސްއިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުލަބުގައި ހިމެނޭ ކުޅުންތެރިންނަށް ބަދަލު ނާންނާނެ ކަމަށާއި އެހެން ޓީމުތަކެކޭ އެއްފަދައިން އެ ޓީމުގެ ކުޅުންތެރިން ލައިގެން ވެސް ފީފާގެ "އަލްޓިމޭޓް ޓީމް" އުފެއްދޭނެ ކަމަށް އީއޭ ސްޕޯޓްސްއިން ބުނެ އެވެ.

ޕެސްއިން ދެން އެންމެ އަވަހަށް ނެރޭ ގޭމުގެ އިތުރު ސްޕޮންސަރުންގެ ގޮތުގައި މިވަގުތު އެންމެ ފާހަގަ ކޮށްލެވޭ ޓީމު ތަކަކީ ސްޕެއިންގެ ބާސެލޯނާއާ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑު އަދި އާސެނަލްގެ އިތުރުން ޖަރުމަނުގެ ބަޔާން މުނިކެވެ. އެ ގޭމުން އެންމެ ފަހުން ތިން އަހަރުވެސް ޝާއިޢު ކުރި ކަވާ ފޮޓޯގައި ބޭނުން ކުރީ ބާސެލޯނާ ކުޅުންތެރިންގެ ފޮޓޯ އެކެވެ.

ޔުވެންޓަސް ދިޔަ ނަމަވެސް ފީފާ 20 އަށް ވަނީ ދިގު މުއްދަތުގެ އިތުރު ސްޕޮންސާޝިޕު ޑީލެއް ލިބިފަ އެވެ. ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ލިވަޕޫލުން ފީފާއާ ދެމެދު އެއްބަސްވެފައިވާ އިރު މިފަހަރުގެ ކަވާގައި ވެސް ޝާއިޢު ކުރާނީ އެ ޓީމުގެ ކުޅުންތެރިންގެ ފޮޓޯއެއް ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް