ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބަލާ ކޮމިޓީ ސިއްރު ކޮށްފި

ޖުމްހޫރީ މައިދާނުގައި ބިދޭސީންތަކެއް: ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބަލާ ކޮމިޓީ ވަނީ ސިއްރުކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ސަރުކާރުގެ ތިން މުއަސަސާ ހާޒިރުކުރާ ކޮމިޓީގެ ބައްދަލުވުން ތާވާލް ކޮށްފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން، ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވަނީ، ހޯމް މިނިސްޓްރީއާއި އިމިގްރޭޝަން އަދި ލޭބާ އޮތޯރިޓީގެ ބޭފުޅުންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި، 2،000 މީހުންގެ ސޮޔާއެކު އަމިއްލަ ފަރާތަކުން މަޖިލީހަށް ޕެޓިޝަނެއް މިދިޔަ މަހު ހުށަހަޅި އެވެ. ނަމަވެސް އެ ޕެޓިޝަންގައި ހުންނަން ޖެހޭ ޝަރުތުތަކެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަލުން ފޮނުވަން މަޖިލީހުގެ ޕެޓިޝަނާ ބެޖޭ ކޮމިޓީން ވަނީ ހުށަހެޅި ފަރާތަށް އެންގި އެވެ.

ނަވާރަނަ ވަަނަ މަޖިލީހަށް ހުށަހެޅި ފުރަތަމަ އެ ޕެޓިޝަނަގައި ބުނެފައިވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކޮށް ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް އިތުރުކޮށް ދިނުމަށް ޕެޓިޝަންގައި އެދިފައިވެއެވެ. އަދި އެކަން ހައްލު ކުރުމަށް ވުޒާރާއެއް އުފައްދަން ވެސް ޕެޓިޝަންގައި އެދިފައިވެ އެވެ.

ފުރިހަމަ ކުރަން ޖެހޭ ކަންތައް ފުރިހަމަ ކުރުމަށްފަހު، އަލުން އެ މައްސަލަ މަޖިލީހަށް ހުށަހެޅި ކަމަށް ޔަގީނެއް ނޫނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ.

comment ކޮމެންޓް