އެލައިޑުން ރާއްޖޭގައި އިންޝުއަރެންސް ކޮންގްރެސް އެއް ބާއްވަނީ

އެލައިޑާއި އެމްއެމްއޭ ގުޅިގެން، ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސްގެ "ފެއާ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއާ ކޮންގްރެސް" ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ރާއްޖޭގައި މި ކޮންގްރެސް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ "އަ ވޯލްޑް އޮފް އޮޕޮޗުނިޓީޒް" ގެ ނަމުގަ އެވެ.

މި މަހުގެ 22 އިން 24 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިޔަށްގެންދާ ކޮންގްރެސްގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް އެލައިޑް އިން ބުނެ އެވެ.

އެލައިޑް އިން ބުނީ ސަރަހައްދީ ފެންވަރުގެ އިންޝުއަރެންސް އަދި ހެލްތު ކެއާ ކޮންގްރެސް އެއް ރާއްޖޭގައި ބޭއްވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

އަދި އެލައިޑުގެ ގައުމީ އިންޝުއަރަންސް ހިދުމަތަށް 34 އަހަރު ފުރިފައިވާއިރު މި ކޮންގްރެސް ވެގެންދާނީ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ކަމުގައި އެ ކުންފުނިން ބުނެއެވެ.

އަދި ރާއްޖެއިން އިންޝުއަރަންސްގެ ދާއިރާއިން ހޯދާ އެކި އެކި ކުރިއެރުންތަކުގައި އެމްއެމްއޭއިން ލިބެމުން އަންނަ އެހީތެރިކަން އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީއިންޝުއަރަރސްއަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސް އާއި ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް އިތުރަށް މުއްސަނދިކޮށް ޒަމާނީ ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައި 1964 ގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެގޮތުން 20 ގައުމެއްގެ ބައިވެރިވުމާއިއެކު ފެށުނު އެ ޖަމިއްޔާގެ މަސައްކަތް ފުޅާވެ، ބައިއަތު ހިފާފައިވާ ގައުމުތައް އިތުރުވެ، މިހާތަނަށް އެ ޖަމިއްޔާގެ އެތަކެއް ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް