ލޭބާ ޕާޓީން އުފެއްދުމުގައި އިސްކޮށް އުޅުއްވި ހަސީން އިސްތިއުފާ ދެއްވައިފި

ގާނޫނީ ވަކީލު އަބްދުﷲ ހަސީން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އުފެއްދުމުގައި އެއްމެ އިސްކޮށް އުޅުއްވި ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެ ޕާޓީން އިސްތިއުފާ ދެއްވައިފި އެވެ.

ހަސީން ލޭބާ ޕާޓީއަށް އެޑްރެސްކުރައްވައި އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ލޭބާ ޕާޓީގެ ސެކެޓްރީ ޖެެނެރަލް ކަމުގެ މަގާމާއި އަދި ލީޑާޝިޕް ކޮމެޓީގެ މެމްބަރުކަމުގެ މަގާމުގެ އިތުރުން އެ ޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.

ހަސީން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޓީން އިސްތިއުފާ ދެއްވީ މިވަގުތު ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންނުވާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ހަސީން އިސްތިއުފާ ދެއްވިއިރު ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ލޭބާ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ލޭބާ ޕާޓީ އުފެއްދުމުގެ ކުރިން ހަސީން ވަނީ އެމްޑީޕީގައި ވަަރަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވައިފަ އެެވެ.

ހަސީން މީގެ ކުރިން ވަނީ ހަފުތާ މަޖައްލާ "މަނަސް" އަދި" އައްޑުވަސް"ގެ އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ.

comment ކޮމެންޓް