ގާނޫނީ ވަކީލު ހަސީނުގެ ސަސްޕެންޝަން އުވާލައިފި

މާޗް 28، 2017: ޤާނޫނީ ވަކީލް އަބްދުﷲ ހަސީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ސަސްޕެންޑް ކުރި ގާނޫނީ ވަކީލް އަބުދުﷲ ހަސީނުގެ ސަސްޕެންޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑިޖޭއޭ) އިން އުވާލައިފި އެވެ.

ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑުކުރި ހަސީންގެ މައްސަލަ ބެލުމަށް ފަހު އެބޭފުޅާ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާކޮށްފައި އޮތް އޮތުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހަސީންގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމާ އެކު ސަސްޕެންޝަން އުވާލި ވަކީލުންގެ އަދަދު 40 އަށް ވަނީ އަރައިފަ އެވެ. ސަސްޕެންޑު ކުރި 54 ވަކީލުންގެ ތެރެއިން ސަސްޕެންޝަން އުވާނުލައި ބާކީ ތިބީ 11 ވަކީލެ ކެވެ.

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ވަކީލަކު ޕެޓިޝަނެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިލްތިމާސެއް ހުށަހެޅީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ އިލްތިމާސް ސުޕްރީމް ކޯޓުން އެ ދުވަހު ބަލައި ގެންފައެއް ނުވެ އެވެ.

comment ކޮމެންޓް