ނަސްލީ އިމްތިޔާޒަށް ހިއްވަރު ދެއްވުމާ ގުޅިގެން ޓްރަމްޕް "ހޫނު ފެނަށް"

ޓްރަމްޕް " ހޫނުފެނުގައި "

ވޮޝިންޓަން (ޖުލައި 15): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ އެމެރިކާ ވަރުގަދަ ގައުމަކަށް ހެދުމުގެ ބަދަލުގައި ނަސްލީ އިމްތިޔާޒް އަށް ހިއްވަރުދީ އެމެރިކާއަކީ ހަމައެކަނި ދޮން މީހުންގެ ގައުމަކަށް ހެއްދެވުމަށް ކަމަށް ކޮންގްރެސް ގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވަމުން ޕެލޯސީ ވިދާޅުވީ އެމެރިކާ ވަރުގަދަ ގައުމަކަށް ހަދަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ޓްރަމްޕް އުޅުއްވަނީ އެމެރިކާއަކީ ހަމައެކަނި ދޮން މީހުންގެ ގައުމަކަށް ހަދައިގެންނާއި އެމެރިކާގައި ނަސްލީ އިމްތިޔާޒަށް ހިއްވަރު ދެއްވައިގެން އެމެރިކާ ނިކަމެތި ކުރުމަށެވެ. ޕެލޯސީ މިހެން ވިދާޅުވީ އެމެރިކާއަކީ ދޮން ނަސްލުގެ ގައުމެއްކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓްތަކާ ގުޅިގެންނެވެ.

މި ޓްވީޓްތަކުގައި ޓްރަމްޕް ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ހިމެނޭ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ހަތަރު މެންބަރަކަށް އިޝާރާތް ކުރައްވައި، އެމެރިކާ ދޫކޮށް އެބޭފުޅުންގެ އުފަން ގައުމުތަކަށް އެނބުރި ދިޔުމަށް ގޮވާލައްވައި އެބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ނަސްމީ އިމްތިޔާޒްތަކުގެ މި ޓްވީޓްތަކުގައި ޓްރަމްޕް އިޝާރާތް ކުރެއްވީ ނިޔުޔޯކްގެ މެންބަރު އެލެކްޒެންޑްރިއާ އޮކާޒިއޯ ކޯޓޭޒްއާއި މިނެސޯޓާގެ މެންބަރު އިލްހާން އުމަރާއި މިޗިގަންގެ މެންބަރު ރަޝީދާ ތަލީބު އަދި މެސަޝޫސެޓްސްގެ އަޔާނާ ޕްރެސްލީއަށް ކަމަށް ވަނީ ބެލެވިފައެވެ. މި ހަތަރު މެންބަރުންނަކީ އެބޭފުޅުންގެ ގައުމުތަކުން އެމެރިކާއަށް ހިޖްރަކޮށް އެމެރިކާގެ ރައްވެހިކަން ހޯދުމަށްފަހު ކޮންގްރެސް ގެން މެންބަރު ކަމަށް އިންތިޚާބުވެފައިޥާ މެންބަރުންނެވެ. މި ހަތަރު އަންހެން ބޭފުޅުންނަކީ ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންނެވެ.

މީގެތެރެއިން މިނެސޯޓާގެ މެންބަރު އިލްހާން އުމަރާއި މިޗިގަންގެ މެންބަރު ރަޝީދާ ތަލީބަކީ މުސްލިމް ދެބޭފުޅުންނެވެ. އިލްހާން އުމަރަކީ ސޮމާލިއާ ދަރިކޮޅުގެ ބޭފުޅެކެވެ. ރަޝީދާ ތަލީބަކީ ފަލަސްތީނު ދަރިކޮޅުގެ ބޭފުޅެކެވެ. އެ ހަތަރު އަންހެން ބޭފުޅުންނަށް ބަހުގެ ހަމަލާތައް ދެއްވަމުން ޓްރަމްޕް ވަނީ އެ ހަތަރު މެންބަރުންގެ އަސްލު ގައުމުތަކަކީ ކޮރަޕްޓްވެ ޥީރާނާވެފައިވާ ގައުމުތަކެއް ކަމަށް ސިފަކުރައްވައި އެގައުމުތަކުގެ ސަރުކާރުތަކަކީވެސް ކުފޫ ހަމަނުވާ ސަރުކާރުތަކެއް ކަމަށް ވިދާޅުވެފައެވެ.

މިފަދަ ހާލަތެއްގައި ތިބި ބަޔަކު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާއަށް ހިޖްރަކޮށް އެމެރިކާ ސަރުކާރު ހިނގަންވީގޮތް، އެމެރިކާގެ އަސްލު ވަޒަންވެރިންނަށް ކިޔައިދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އޭނާގެ ހަރުކަށިކަމާއި ބޮޑާކަމާއި ތަކައްބުރުކަން ހާމަކުރައްވާފައެވެ.

މިމައްސަލާގައި ޓްރަމްޕަށް ކުރިމަތިވި ފާޑުކިޔުންތަކުގައި އެމެރިކާގެ އެތަށް ބަޔަކުވަނީ އެމެރިކާއަކީ ޓްރަމްޕްގެ އަމިއްލަ ތަނެއް ނޫންކަމާއި ޚުދު ޓްރަމްޕްގެ ކާބަފައިންނަކީވެސް އެމެރިކާއަށް ހިޖްރަކޮށްގެން އުޅުނު ޔޫރަޕް ބައެއް ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އަސްލު ވަޒަންވެރިންނަކީ ރެޑް އިންޑިއަނުން ކަމަށާ ޓްރަމްޕަށްވެސް އޮންނާނީ އެ ހަތަރު މެންބަރުންނަށްވެސް އަދި އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތުންނަށްވެސް އޮންނަ ހައްގު އެކަނި ކަމަށް ބުނެ ޓްރަމްޕަށް ހަރުކަށި ރައްދެއް ފދީފައެވެ. (ނޫސް އެޖެންސީތައް)

comment ކޮމެންޓް