ކިނބިދުއަށް އުދައާއެކު މިޔަރު އަރައިފި

ކިނބިދުއަށް އުދަރާފައި -- ފޮޓޯ/ ކިނބިދޫ ސުކޫލް

ތ. ކިނބިދު އަށް މިއަދު އުދަޔާއެކު މިޔަރު އަރައިފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކައް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި މާދަމާ ވެސް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކިނބިދޫ ކައުންސިލް ނައިބު ރައީސް އަބްދުﷲ ނާޒިމް މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 3:00 އާ ދެމެދު އެ ރަށަށް އުދަ އަރަމުން ދިޔަ ކަމަށެވެ.

"އުދައާއެކު ތިން ވަރަކަށް މިޔަރުވެސް އެރި ރަށަށް. އޭގެ އެއް މިޔަރު ހިފުމަށްފަހު މިހާރު ވަނީ މޫދަށް ދޫކޮށްލާފައި. ދެން ހުރި މިޔަރުތައް އަދި ނުފެނޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އަދިވެސް އުދަ އެރި އިރު ދެ ފޫޓަށް ފެން ހުރި ކަމަށާއި ރަށުގެ ބޮޑު ބަޔަކަށް އާދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.

"އަދިވެސް ފެންގަނޑު އެބައޮތް އެއް ފޫޓާއި ދޮޅު ފޫޓަށް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުދައިގެ ސަބަބުން ބައެއް މީހުންގެ ގޭގެ ގޯތި ތެރެޔަށް ވެސް ފެން ވަދެފައިވާ ކަމަށެވެ. އަދި ގަސްތަކަށާއި ސުކޫލް ކުދިން 193 ބައިސްކަލަށް ވެސް ލޮނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ކިނބިދޫގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްތަކަށް ވެސް މިއަދު ވަނީ އުދަ އަރާފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެޓް އޮފީހުން މޫސުން ލަފާ ކުރާ ގޮތް:

  • ރާއްޖޭގެ ސަރަހައްދުތަކަށް ގުގުރާ ވިއްސާރަކުރާނެ
  • އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ.
  • ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ.
  • ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ.
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް.
comment ކޮމެންޓް