މަސް ކިލޯއަކަށް 50 ރުފިޔާ ދޭން ސިޔާމް ގޮވާލައްވައިފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި މަސް ކިލޯއަކަށް ދޭ އަގު، 50 ރުފިޔާ އަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.

އޭނާ އެކަމަށް ގޮވާލެއްވީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ސިޔާމް ވަނީ މަސް ކިލޯއަކަސް 50 ރުފިޔާ ދޭން ޖެހޭ ގޮތަށް ޝިފާއުގެ ގަރާރަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ބޭރުގެ ފަރާތްތަކުން ލޭނު އަޅައިގެން ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުމަކީ ދިވެހި މަސްވެރިކަމަށް ފައިދާ ހުރި ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ސިޔާމް ވިދާޅުވީ، ވައްކަން ކުރަން ސަރުކާރުގެ ކުންފުނިތައް ހަދައި ހިންގުމަށް ޓެކްސް ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި އެ ކުންފުނިތައް އުވާލައި މަސްވެރިންނަށް ދޭން ޖެހޭ ހަމަ އަގު ދޭން ޖެހޭ ކަމަށެވެ.

ސިޔާމް ވިދާޅުވީ، ދިވެހިން ބޭނުން ވަނީ ދަރަނިވެރިކަމުން ސަލާމްވެގެން ތިބެ، ތާހިރު ދިރިއުޅުމެއް އުޅެން ކަމަށެވެ. އަދި މަސްވެރިން ގިނަ މި ގައުމުގައި އެ ގޮތަށް ދިވެހިންނަށް ދިރިއުޅެވޭނީ މަސްވެރިންނަށް ހައްގު އަގު ދީގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މާކެޓު ޑިފައިން ކުރާނީކީ ނޫނިއްޔާ އަގު ހަމަޖައްސާނީކީ ބޭރު ބަޔަކު ނޫން. އަޅުގަނޑުމެން އަމިއްލަޔަށް ހަމަޖައްސަން ޖެހޭނީ،" ސިޔާމް ވިދާޅުވި އެވެ. "އަޅުގަނޑު ހުށަހަޅަން ކޮންމެ މަސް ކިލޯއަކަށް 50 ރުފިޔާއެއް ދޭން މާދަމާއިން ފެށިގެން. ކޮން 10 ރުފިޔާއެއްތޯ؟ ކޮން އަށް ރުފިޔާއެއްތޯ؟"

އެ ހުށަހެޅުމާ އެއްވެސް މެމްބަރަކު ދެކޮޅު ނުހެދުމަށް ސިޔާމް އެދިވަޑައިގެންނެވި އެވެ. އަދި ވައްކަން ކުރާ ކުންފުނިތައް ހުއްޓާލައި މަސްވެރިންނަށް ހައްގު އަގު ދޭން އޭނާ ގޮވާލެއްވި އެވެ.

comment ކޮމެންޓް