ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެފަދަ ލައިސެންސްތައް އިތުރަށް އާނުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް އަޑުއެއްސެވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ މި ސަރުކާރުން ލޭނު މަސްވެރިކަމުގައި ހުރި މައްސަލަތައް ބަލައި އެކަމަށް ހައްލުތަކެއް ހޯދުމަށް ފަންނީ ފެންވަރުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. ލޭނުގެ މަސްވެރިކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ލޭނު މަސްވެރިކަން ކުރުމަށް ސަރުކާރުން ހުޅުވާލި އިރު ތަސައްވުރު ކުރެވުނު ގޮތަށް ލޯބޮޑު ކަންނެލީގެ ބަދަލުގައި ގިނަ އަދަދަކަށް ރީނދޫ އުރަހަ ކަންނެލި ހިފާފައިވާކަން ފާހަގަ ކުރެވުނު ކަމަށާއި، އިންޑިއާ ކަނޑުގައި މަނާކުރެވިފައިވާ އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގައި ވެސް މި އުޅަނދުތަކުން ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެއާއެކު އުޅަނދުފަހަރުގައި ހިއުމަން ޓްރެފިކިން އަދި ފޯސްޑް ލޭބާގެ އަލާމާތްތައް ވެސް ފެންނަން ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް ވަފުދުގެ ފަރާތުން މި އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ކުރި ޒިޔާރަތެއްގައި ވެސް ލޭނު މަސްވެރިކަމުގައި ހިނގަމުން އަންނަ ގާނޫނާނާއި ގަވާއިދާ ޚިލާފު ކަންކަން ފާހަގަކޮށް، އެކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެގޮތުން މީގެ ތެރެއިން ބައެއް އުޅަނދުތަކުގެ އަސްލު މަންފާ ލިބެމުންދާ ފަރާތަކީ ފަރުދާގެ ފުރަގަހުގައި ހަރަކާތްތެރިވަމުންދާ ބިދޭސީން ކަމުގައި ތުހުމަތު ކުރައްވާފައިވާ އިރު ލޭނު މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ކޮންޓްރޯލްކޮށް އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓޭނަމަ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަމުގެ ތަސައްވުރު ޔޫރަޕުގެ މާކެޓްތަކަށް ބަދަލުވެ ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ލޭނު މަސްވެރިކަމުގައި ހިންގާ ގާނޫނާ ގަވާއިދާ ހިލާފު ހަރަކާތްތަކުގެ ސަބަބުން އެއްވެސް މަސްވެރިކަމެއް އިސްތިސްނާ ކުރުމެއް ނެތި، ދިވެހިރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތަށް ޔޫރަޕަށް އެތެރެކުރުން ހުއްޓާލާ މިންވަރަށް ލޭނުގެ މަސްވެރިކަމުގެ މަސްލަހަތު ހުރިކަން އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
"އެހެންކަމުން، އިސްވެ ދެންނެވުނު ކަންކަމަށް ރިއާޔަތްކޮށް މިހާރު އަމަލު ކުރަމުން މިދާ ގަވާއިދުގެ ދަށުން ލޭނު މަސްވެރިކަމުގެ ލައިސެންސް ދޫކޮށްފައިވާ އުޅަނދުފަހަރުގެ ލައިސެންސް އިތުރަށް އާ ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލޭނު މަސްވެރިކަން އަލުން ފެށުމަށްޓަކައި ލޭނު މަސްވެރިކަމުގެ އާ ގަވާއިދެއް އެކުލަވާލައި، ދިވެހި މަސްވެރިންނަށް އެކަށީގެންވާ މިންގަނޑުތަކެއްގައި ބަނދެފައިވާ އުޅަނދުފަހަރުގައި ލޯބޮޑު ކަންނެލީގެ މަސްވެރިކަން އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ މަސްވެރިކަމުގެ ބިލް މަޖިލީހަށް ހުށަހެޅުނުހާ އަވަހަކަށް އެ ބިލް ފާސްކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ލައިސެންސް ސަރުކާރުން މިނިސްޓްރީގެ ފަރާތުން ދޫކުރަމުން ގޮސްފައި ވަނީ އެކުލަވާލެވިފައިވާ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.
ފާއިތުވެދިޔަ އަހަރު ލޭނުގެ މަސްވެރިކަން ކުރުމުގެ ފަސް ކުންފުންޏެއްގައި 28 އުޅަނދު ހަރަކާތްތެރިވެފައިވެއެވެ. ރާއްޖޭގައި ކުރާ އެހެން މަސްވެރިކަމާ ހިލާފަށް ލޭނުގެ މަސްވެރިކަމަކީ ބިދޭސީންނަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިދީފައިވާ ހަމައެކަނި މަސްވެރިކަމެވެ.
ލޭނުގެ މަސްވެރިކަމުގައި އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 އިންސައްތަ ބިދޭސީންނަށް ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވާއިރު އުޅަނދުފަހަރުގައި އެވްރެޖްކޮށް ނުވަ ބިދޭސީން ހަރަކާތްތެރިވާ ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެއެވެ. ކޮންމެ އުޅަނދެއްގައި ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ދަނީ އެންމެ ދިވެއްސެކެވެ.