މަންމަގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްނުވާ ގައުމަކަށް ރާއްޖެ

މަންމަގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލް ނުވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑއަޅައި ޑަބްލިއެޗްއޯއިން ސެޓްފިކެޓް ހަވާލުކުރަނީ. -- ފޮޓޯ/ ރައީސް އޮފީސް

މަންމަގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލް ނުވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއެޗްއޯއިން ރާއްޖެ ކަނޑައަޅައިފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ މިކަމުގެ ލިޔުން ރާއްޖެ އާ ހަވާލުކޮށްފަ އެވެ. މި ލިޔުން ހަވާލުކުރެއްވީ އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް އެވެ. އަދި ރާއްޖޭގެ ފަރާތުން މި ލިއުމާ ހަވާލުވެ ވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއަދު ރާއްޖެއަށް ލިބުނު ލިޔުމާއެކު މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ކަމުގައި ކަނޑައެޅުނު މިސަރަހައްދުގެ ދެވަނަ ޤައުމުގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިޔައީ އެވެ. ރާއްޖެ އަކީ އަދި މުޅި ދުނިޔެއިން މި ސެޓްފިކެޓް ލިބުނު 12 ވަނަ ގައުމެވެ.

މިއީ ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލިބުނު ހަތަރުވަނަ ސެޓިފިކޭޝަން އެވެ. މީގެ ކުރިން ރާއްޖެއިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ކަނޑައަޅާ ސެޓްފިކެޓް ވަނީ ދީފަ އެވެ. މީގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖެ މިއަދު ހާސިލް ކުރި ސަޓިފިކޭޝަން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ކަނޑައަޅާފައިވާ ސްޓޭންޑަޑް ތަކާ އެއްގޮތަށް، މިމަސައްކަތް ވިލަރެސް ކުރުމަށް ނެޝަނަލް ވެލިޑޭޝަން ކޮމިޓީއެއް ގާއިމްކޮށް މަސައްކަތް ކުރެވުނުކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މނިސްޓްރީއިން ބުނީ، ކަނޑައެޅިފައިވާ މިންގަޑުތަކާއެއްގޮތަށް ކަންތައްތައް ހުރިތޯ ދެނެގަތުމަށްޓަކައި 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމާގުޅޭ ތަފާސްހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގި ކަމަށެވެ. އެގޮތުން މާބަނޑު ދުވަސްވަރު ސިއްހީ ހިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗްއައިވީ އަދި ސިފިލިސްއަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތް ދެނެގަނެވުނުކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މިކަމާ ގުޅޭ ގައުމީ ރިޕޯޓް އެކުލަވާލައި، ޑަބްލިއުއެޗްއޯ އަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. ރިޕޯޓްގައިވާ ކަންތައްތައް ފުރިހަމަވެފައި ހުރި މިންވަރު ދެނެގަތުމަށް ސަރަހައްދީ ވެލިޑޭޝަން ޓީމެއް ރާއްޖެ ވަޑައިގެން މާލެ އާއި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނާއި، އުފަންވެނި ސިއްހަތާއި އަދި މައިންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް، އަދި އެޗްއައިވީއާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިނގާ ގޮތާއި މިކަމާބެހޭ ކަންކަން ދިރާސީ ރޮގަކުން ވަނީ ބަލައިފަ އެވެ.

ރީޖަނަލް ވެލިޑޭޝަން ޓީމުން ބެއްލެވި ކަންތައްތަކާއެކު ދިވެހިރާއްޖޭގެ ހުށަހެޅުން މިކަމާގުޅޭ ގްލޯބަލް ވެރިފިކޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ. ކަމާ ގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ދުނިޔޭގެ ފެންވަރުގެ މި ގްލޯބަލް ކޮމިޓީއިން ރާއްޖޭގެ ރިޕޯޓާއި، ސަރަހައްދީ ކޮމިޓީގެ ރައުޔަށް ބެއްލެވުމަށްފަހު، ރާއްޖެއިން މިލަނޑުދަނޑި ޙާސިލް ކޮށްފިކަމަށް ނިންމީ މިއަހަރު އެވެ.

ކޮމިޓީއިން ބެލިކަންތައްތައް:

- ބަލި އުޅޭ މިންވަރު ދެނެގަނެވޭ "ވެލިޑޭޝަން ސްޓޭންޑަރޑް"ގެ ސަވެއިލެންސް ނިޒާމެއް ޤާއިމުވެފައި އޮތުން

- ބޭނުންވާ ތަފާސްހިސާބުތައް ލިބެމުންދާ ނިޒާމެއް އޮތުން

- މާބަނޑު ދުވަސްވަރު ބޭނުންވާ ސިއްހީ ހިދުމަތްތައް އަދި އެޗްއައިވީ އާއި ސިފިލިސްއަށް ޓެސްޓް ކުރުމުގެ ހިދުމަތް އެންމެނަށް ފަސޭހައިން، އަތްފޯރާ އަގުގައި ފޯރުކޮށްދިނުން

- މާބަނޑު މީހުންގެ ތެރެއިން ސިއްހީ ހިދުމަތް ހޯދާ މީހުންގެ ނިސްބަތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅުއްވާފައިވާ އާންމު މިންގަނޑުތަކަށް ވުރެ މަތީގައި ހުރުން

- ކަމާބެހޭ ތަފާސްހިސާބުތައް ހުރިގޮތް ބެލެވުނު ދެއަހަރު (2016 އަދި 2017) ރާއްޖޭގައި މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ޖެހިފައިވާ އެއްވެސް ކުއްޖަކު ފެނިފައި ނުވުން

- ބަލިދެނެގަތުމަށް ޓެސްޓް ކުރުމަށް ފެންވަރު ކަށަވަރު ކުރެވިފައިވާ ލެބޯރޓްރީ ހިދުމަތް ލިބެން ހުރުން

- މާބަނޑު ދުވަސްވަރު ދޭންޖެހޭ ސިއްހީ ހިދުމަތްތަކާއި، އެޗްއައިވީ އަދި ސިފިލިސްއަށް ޓެސްޓްކުރުމާއި، މިބަލިތަކަށް ދޭންޖެހޭ ފަރުވާއާއި ގުޅޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅިފައި ހުރުން

- އެޗްއައިވީ އަދި ސިފިލިސްއަށް ފަރުވާ ލިބެން ހުރުން

- ނާޒުކު ގިންތިތަކަށާއި، އިޖްތިމާއީ ގޮތުން އެކަހެރިވެފައިވާ ފަރާތްތަކަށްވެސް މި ޚިދުމަތްތައް ލިބެން ހުރުން

- ހިދުމަތްލިބޭ އެންމެންގެ ހައްގުތައް ރައްކާތެރި ކުރުން

މި ސަޓިފިކޭޝަން ހޯދުމުގައި ވެލިޑޭޓްކުރެވުނު ގިނަ ކަންތައްތަކަކީ ވަރަށް ދުވަސް ވަންދެން ރާއްޖޭގައި ގާއިމް ކުރެވި، ރައްޔިތުންނަށް ކަމާގުޅޭގޮތުން ހިދުމަތްދިނުމުގައި ބޭނުންކުރެވެމުން އަންނަ ކަންތައްކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މިއަދު ސަޓިފިކޭޝަން ލިބުނު ނަމަވެސް މިހާރު ގާއިމް ކުރެވިފައިވާ ހިދުމަތްތައް މި ފެންވަރުގައި ދަމަހައްޓާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަށަވަރުކުރަމުން ގެންދާނެ އެވެ.

comment ކޮމެންޓް