ޝައިމް އަނެއްކާވެސް ޖެންޑާގެ ބެލުމުގެ ދަށަށް

ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދުގެ މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، މިހާރުވެސް ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝައިމް ގެއްލުނީ އެސެސްމަންޓެއް ހެދުމުގެ ގޮތުން ވިލިގނިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އޭނާ ބަހައްޓާފައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ފިލައިގެން އުޅެނިކޮށް ފުލުހުން ޝައިމް ހޯދާފައި ވަނީ، ޖުލައި އެއް ވަނަ ދުވަހު ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝައިމް ގެއްލުނު މައްސަލައާ ސުވާލު ކުރުމަށް މިނިސްޓަރު ހާޒިރުކުރުމުން، މެމްބަރަކު ވަނީ ޝައިމް މިވަގުތު ހުރީ ކޮން ތާކު ކަން ސާފުކޮށްދިނުމަށް އެދިފައެވެ.

"މިހާރު ވެސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުއްޖާއަށް ރައްކާތެރިކަން ދެމުން ގެންދާކަން ފާހަގަކޮށްލަން،" ސުވާލަށް ޖަވާބުދެއްވަމުން ޝިދާތާ ވިދާޅުވިއެވެ.

ޝައިމް ފިލައިގެން ދިޔުމުން އޭނާ ފޮރުވައިގެން ގެންގުޅު ކަމުގެ ތުހުމަތުގައި 46 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެން ވަނީ ހައްޔަރުކޮށްފަ އެވެ.

ޝިދާތާ ވިދާޅުވީ ޝައިމް ފެނުނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށާއި، ޝައިމް ފިލުވުމުގައި "ބޮޑެތި މީހުން" ގެ އަތެއް ވާކަމަށް ވެސް ފުލުހުން ދިން މައުލޫމާތުން އެނގޭ ކަމަށެވެ.

އެހެންކަމުން ޝައިމް ފިލުވުމުގައި ކުޑަކުދިންގެ ހިޔާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބަލައި، އެކަހަލަ ކަމެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް