ހިތްދަތިި ގޮތަކަށް ނިއު ޒިލެންޑު ބަލިކޮށް އިނގިރޭސިން ޗެމްޕިއަންކަން ހޯދައިފި

އިނގިރޭސިވިލާތުން ކުރިކެޓު ވޯލްޑްކަޕުގެ ޓްރޮފީ އުފުލާލަނީ --- ފޮޓޯ/ ޑެޔަން ކަލިނިޗް

ބެން ސްޓްރޯކްސްއާއި ޖޮފްރާ އާރްޗާގެ މޮޅު ކުޅުމާ އެކު ނުހަނު ހިތްދަތި ގޮތަކަށް ނިއު ޒީލެންޑު ބަލިކޮށް އިނގިރޭސި ވިލާތުން ފުރަތަމަ ފަހަރަށް ކުރިކެޓް ވޯލްޑް ކަޕުގެ ތަށި އުފުލާލައިފި އެވެ.

ރޭ ލަންޑަންގެ ލޯޑްސް ކުރިކެޓު ދަނޑުގައި ކުޅުނު ފައިނަލު މެޗުން ނިއު ޒީލަންޑުގެ މައްޗަށް އިނގިރޭސިވިލާތުން ކުރި ހޯދީ ދެޓީމުން ކުޅެންޖެހޭ 50 އޯވަރު ހަމަވިއިރު މެޗް އެއްވަރުވެފައި އޮތުމުން ކޮންމެ ޓީމަކުން އިތުރަށް ކުޅުނު ސުޕާ އޯވަރުން ވެސް އެއްވަރު ވުމުން ދެ ޓީމުން ބައުންޑަރީ (ހަތަރަކާއި ހަޔަކަށް) އަށް ޖެހި ބޯޅަތަކަށް ބަލައިގެންނެވެ. މި މެޗު ވެގެން ގޮސްފައި ވަނީ މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އެއް ކުރިކެޓުގެ ފައިނަލް މެޗަށެވެ.

އިނގިރޭސިން ކުރިކެޓު ވޯލްޑް ކަޕުގެ ފައިނަލުގައި ނިއުޒީލެންޑް ބަލިކުރުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ// ޑެޔަން ކަލިނިޗް

ކުރިކެޓުގެ ފެށުން އައިސްފައި ވަނީ އިނގިރޭސިވިލާތުން ކަމަށް އެގައުމުން އަބަދުވެސް ދައުވާ ކުރަމުން އަންނަ އިރު ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް ވޯލްޑް ކަޕް 1975 ވަނަ އަހަރު ތައާރަފު ކުރި ފަހުން އެ ގައުމުން މުބާރާތް ކާމިޔާބު މިކުރީ އަދި ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ހަތަރު ފަހަރަކު ފައިނަލުގައި ކުޅުނު އިނގިރޭސިންނަށް ވަނީ ކޮންމެ ފަހަރަކުވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ސެމީ ފައިނަލުގައި ފަސޭހަ ކަމާ އެކު އޮސްޓްރޭލިއާ ބަލިކޮށް އިނގިރޭސިވިލާތުން މުބާރާތުގެ ފައިނަލަށް ދަތުރު ކުރި އިރު އިދިކޮޅަށް ކުޅުނު ނިއު ޒީލެންޑު ދަތުރު ކުރީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފާހަގަވެފައި އޮތް އިންޑިއާ ކުޑަ ތަފާތަކުން ބަލިކޮށްގެންނެވެ.

ރޭގެ މެޗުގައި ޓޮސް ދިމާކުރި ނިއު ޒީލެންޑުން ކުޅެން އަރަން ފުރަތަމައިން ގަސްތު ކުރި އިރު އެ ޓީމުން ވަނީ 50 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ހަދާފަ އެވެ. ރައްދުގައި އިނގިރޭސި ޓީމުންވެސް ކުޅެން އަރައި އެންމެ ފަހު ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހަމަވީ 241 ލަނޑެވެ.

އެންމެ ފަހު އޯވަރުގެ އެންމެ ފަހު ބޯޅައިން އިނގިރޭސިން ރަން އެއްވަރު ކުރުމުން ނަތީޖާ ނެރެންވެގެން ވަނީ ސުޕަ އޯވަރު ކުޅެފަ އެވެ. ސުޕަ އޯވަރަކީ ދެ ޓީމަށް ވެސް ލިބޭ އެއް އޯވަރުގެ ކުޅުމެކެވެ.

ނަމަވެސް ސުޕަ އޯވަރު ކުޅެގެން ވެސް ދެ ޓީމުން ވަނީ ހަމަހަމައަށް 15 ލަނޑު ހަދައިފަ އެވެ. ނަތީޖާ އެހެން ނުކުތުމާ އެކު ޗެމްޕިއަން ޓީމެއް ކަނޑައަޅާފައި ވަނީ ދެ ޓީމުން ވެސް މެޗުގައި ޖެހި ބޯޅަތަކުގެ ބައުންޑަރީ ގުނައިގެންނެވެ. ބައުންޑަރީ ގުނި އިރު އިނގިރޭސިން ވަނީ 24 ޖަހައިފަ އެވެ. އިދިކޮޅު ނިއު ޒީލެންޑަށް ޖެހިފައި އޮތީ 17 އެވެ. މިއީ މިފަދަ ވާދަވެރިކަމާ އެކު ކުރިކެޓު މެޗެއްގެ ފައިނަލު މެޗުން ނިއު ޒީލެންޑު ބަލިވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް