ބޮޑު ހިޔާނާތުން މީހަކު ސަލާމަތްކުރާން އެއްބަސްވުމެއް ނުހަދާނެ: ފުލުހުން

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރިޔާޒު ވާހަކަ ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ސަލާމަތް ކުރުމަށް މަޝްވަރާ ނުކުރާ ކަމަށާއި އެފަދަ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައުލަތުން ހުށަހަޅާ ހެތްކެއްގެ ގޮތުގައި ހެދުމަށްފަހު، އޭނާ ހުރިހާ ޖަރީމާތަކުން ސަލާމަތް ކުރާނެ ކަމަށް ޝޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ.

އެކަމަށް އިޝާރާތް ކުރައްވައި، އަދީބުގެ ނަން ވިދާޅުނުވެ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާ މެމްބަރު، ޔައުގޫބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެމްއެމްޕީއަރުސީ ފަދަ ބޮޑެތި މާލީ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި މައްސަލަތަކުގައި އަމަލީ ގޮތުން ދައުރު ހިންގި މީހުންގެ އެއްބާރުލުމާއި އެމީހުންގެ ހެކި ބަހަކީ މުހިންމު އެއްޗެއް ކަމަށް ދެކޭ ކަމަށެވެ. އެ މީހުންގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމުގެ ގޮތުން، ފުރުސަތު އޮތް ވަރަކަށް ބައެއް މަސައްކަތްތައް ތަހުގީގު ތެރެއިން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް މާލީ ކުށެއްގައި، އެމީހަކަށް މާލީ މަންފާ ލިބުނު މިންވަރަކާއި ނުވަތަ އެ މީހަކީ [ތުހުމަތު ކުރެވޭ މީހާއަކީ] މި މައްސަލައިގައި އިންޓަގްރަލް ޕާޓެއް ކުޅުނު މީހެއްތޯ ނޫންތޯ ބަލައިގެން އެ މީހަކާ މެދު ކުރެވޭ ދައުވާ ކުޑަކޮށް، މި މައްސަލައިގައި [ތަހުގީގަށް] އެމީހަކު އަދާ ކުރި ދައުރަކަށް ބަލައިގެން، ވިޓްނަސް އެއްގެ ގޮތުގައި ބޭނުން ކުރެވޭނެ މީހެއް ހުރެދާނެތޯ، މި ހުރިހާ އޭންގަލްތަކަކީ ވެސް އަޅުގަނޑުމެން އެނަލައިޒް ކުރުމަށްފަހު، ވޯކް ކުރަމުންދާ އޭންގަލްތައް،" ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރު ޔަގޫބު ކުރެއްވި ސުވާލަށް ޖަވާބު ރިޔާޒު ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން ޔަގީންކަން އަރުވަން މި މައްސަލައިގައި ހިމެނޭ ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކާމެދު އެ މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށްޓަކައި ޕޮލިސް އިން އެއްވެސް ނެގޯޝިއޭޝަންއެއް ކުރިއަށް ނުގެންދާނަން."

މިއަދު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެކި އިދާރާތަކުން މިހާތަނަށް ނެރުނު މައުލޫމާތަށް ބަލާއިރު، އެ ހިޔާނާތަކީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ "ބާރާއި އޮތޯރިޓީއާއި މަސްއޫލިއްޔަތު ނާޖާއިޒް ގޮތުގައި ބޭނުންކޮށްގެން ނޫނީ" ނުހިންގޭނެ އަމަލެއް ކަމަށް އެނގޭ ކަމަށެވެ.

އެފަދަ ބޭފުޅަކަށް [ހިޔާނާތުގައި ތުހުމަތުކުރެވޭ ފަރާތަކަށް] އެއްވެސް އިމޫނިޓީއެއް ދިނުމުގެ އެއްވެސް ވިސްނުމެއް ފުލުހުންގެ ނެތް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ފުލުހުން ތަހުގީގު ނިންމުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ދައުވާ ކުރަން ނިންމާނީ ޕީޖީ އިން ކަމަށެވެ. އެއީ ފުލުހުންނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަދު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިއަދު ކޮމިޓީގައި މެމްބަރުން ކުރި ގިނަ ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދެއްވަ އެވެ. ތަހުގީގަށް ހުރަސް އެޅިދާނެތީ ބައެއް ސުވާލުތަކުގެ ޖަވާބު ދެވޭނީ ސިއްރު ކޮމިޓީއެއްގައި ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ މުޅި ތަހުގީގަށް 25 ޓެރަބައިޓްގެ ޑޭޓާތައް ފުލުހުން ރިވިއު ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ވަރަށް ގިނަ ފަރާތެއްގެ މަސްލަތަހަތު ހިމެނޭ ކަމަކަށްވެފައި، ވަރަށް "ކަވި ދިގު މަސައްކަތަކަށް ވުމުން" މުޅި ތަހުގުގީ ނިންމޭނީ ކޮންއިރަކު ކަމެއް ދަންނަވަން ދަތި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.

comment ކޮމެންޓް