ތުހުމަތުތަކުން ގާޒީ ހަސަން ސައީދަށް ކީރިތި ކުރެއްވިއްޖެ

ޖޭއެސްސީން ކުރިއަށް ގެންދާ ތަހުގީގް ގައި ހަސަން ސައީދު ޖަވާބުދާރީ ވެވަޑައިގަންނަވަނީ --- ސަން ފޮޓޯ މުއާވިޔަތު އަންވަރު

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބެލުމަށް މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، އޭނާގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، ކީރިތިކުރައްވަމުން ތުހުމަތުތަކަށް އޭނާ ޖަވާބުދާރީވެ ވަޑައިގެންފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަންނަނީ ހަސަން ސައީދުގެ ދެ މައްސަލައެއް ބަލަމުންނެވެ. އަދި އެ މައްސަލަތައް ބަލާ ނިމެންދެން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

މިއަދު ހުޅުވާލައިގެން ބޭއްވި އަޑުއެހުމުގައި ޖޭއެސްސީން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، ޝަރުއީ ދާއިރާގައި ވޭތުވެދިޔަ 18 އަހަރު މަސައްކަތް ކޮށްފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް އެކަހަލަ އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށާއި އަދި ޖޭއެސްސީން ބަލަމުން ދަނީ، މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލަތަކެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ތުހުމަތުތައް އަޑުއިވިވަޑައިގެން ގާޒީއަށް ކުރެއްވި އަސަރު އޭނާ ވިދާޅުވެ ދެއްވީ ކީރިތިކުރައްވަމުން އެވެ.

"އަޅުގަނޑު ދުވަހަކު ވެސް ނުވާނެ ބަދުއަހުލާގީ އަމަލެއް ކޮށްފައެއް އަދި މުވައްޒަފުންނަށް ޖިންސީ ފުރައްސާރައެއް ވެސް ކޮށްފައި ނުވާނެ. އޮފީސް މާހާލުގައި ޖިންސީ ފުރައްސާރަ ކުރުމާ ވަރަށް ދެކޮޅު މީހެއް އަޅުގަނޑަކީ. އެފަދަ ބަދުނާމުތަކެއް ބޮލުގައި އަޅުވައި މުޅި މުޖުތަމައުއަށް އަޅުގަނޑުވަނީ ބަދުނާމު ކޮށްފައި،" އެހެން ވިދާޅުވެވުމާ އެކު ވާހަކަ ހުއްޓި ހޯސްލާފައި ގާޒީ ހަސަން ސައީދުގެ ލޮލުން ކަރުނަ ފައިބައިގަތެވެ.

ކައިރީގައި ހުރި ޓިޝޫފޮއްޓަކުން ޓިޝޫ ނަންގަވައި ކަރުނަތައް ފޮހެލައްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، ފެމެލީ ކޯޓަކީ އަންހެން މުވައްޒަފުންނަށް އެންމެ ރައްކާތެރި ކޯޓަށް ހެދުމަށް މީގެ ކުރިން އެތައް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެފަދަ މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް، ބަޔަކު ޝަކުވާތަކެއް ހުށަހެޅީ އޭނާގެ އަނބުރު ކަތިލުމަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ކަންތައްތަކުގެ ސަބަބުން މުޅި އާއިލާއަށް އެކަމުގެ ހިތާމަ ކުރިމަތިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހަސަން ސައީދުގެ އެވާހަކަތަކާއި ގުޅިގެން ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީގައި ހިމެނޭ އަދި އެ ކޮމިޝަނުގެ ނައިބް ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، ހަސަން ސައީދުގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ނޫން ކަމަށާއި ބައެއް މީޑިއާތަކުން އެގޮތައް ރިޕޯޓް ކުރުމުން އެކަން އިސްލާހު ކުރުވާފައިވާ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން މިއަދު ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ޖަވާބުދާރީވެފައިވަނީ ވަކީލެއް ނުލައި ގިނިކަންޏާ އެވެ. އެގޮތުން އޭނާގެ ސުލޫކީ މައްސަލަ އެއް ހުށަހަޅާފައިވަނީ، ފެމެލީ ކޯޓުގެ ތެރެއިން އުމުރާ ގުރޫޕެއް ހިންގާ ކަމަށް މީޑީއާއިން ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލަ ބަލައި އެކަމުގަ ޝާމިލުވާ މީހުނަށް ފިޔަވަޅު އެޅި ހިސާބުން ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި އޭނާ ސަސްޕެންޑް ކުރި ކަން ފާހަގަކޮށް މަސްތޫރު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ޖޭއެސްސީއަށް ބަޔާން ދިން ފެމެލީ ކޯޓުގެ މުވައްޒަފުންނަށް ހަސަން ސައީދު ހުތުރު ބަހުން މުހާތަބު ކޮށް އެ ފަރާތްތަކަށް ދުއްތުރާ ކުރާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ފެމެލީ ކޯޓުގެ އެހެން ޑިޕާޓްމެންޓްތަކުގެ މަސްއޫލިއްޔަތުތައް އިސްގާޒީގެ ބިއުރޯއިން ނަގައި މުޅި ކޯޓު ހިންގަމުން ދަނީ އިސްގާޒީ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ގާޒީ ހަސަން ސައީދު ވިދާޅުވީ، އެއްވެސް މުވައްޒަފަކާ ބޭއަދަބީ ބަހުން މުހާތަބު ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ފެމެލީ ކޯޓުގެ އެހެން ޑިޕާޓްމެންޓްތަކުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެތަން ރަގަނޅަށް ހިންގުމުގެ ނިޔަތުގައި ބައެއް ކަންކަން ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަން ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް