ޔާމީންއަށް 15،000 ޑޮލަރު ދިނިން، އެއީ ޕްރޮޖެކްޓާ ގުޅޭ ފައިސާއެއް ނޫން: ސީލައިފް

ސީލައިފް ފްލެޓްތަކުގެ މަޝްރޫއު ފެށުމަށް ރައީސް އަބްދުﷲ ޔާމީން ބިންގާ އަޅުއްވައިދެއްވަނީ -- ފޮޓޯ/ އެޗްޑީސީ

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 15،000 ޑޮލަރު (231،300 ރުފިޔާ) ޖަމާކޮށްދީފައިވާނެ ކަމަށާއި އެއީ ޕްރޮޖެކްޓަކާ ގުޅުން ހުރި ފައިސާއެއް ނޫން ކަމަށް ސީލައިފް މޯލްޑިވްސްއިން ބުނެފި އެވެ.

"ސީލައިފް މޯލްޑިވްސް"ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ސީލައިފް ގްލޯބަލް"އިން ހުޅުމާލޭގައި 3000 އެޕާޓްމަންޓް އަޅަން އިއުލާނުކޮށް، އެ ކުންފުނިން ވަނީ ޑައުން ޕޭމެންޓުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް މީހުންގެ އަތުން ނަގައިފަ އެވެ. އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބުނު މައްސަލަ ވަނީ ބޮޑުވެފަ އެވެ.

"ސަން"އާ ވާހަކަ ދައްކަމުން ސީލައިފް މޯލްޑިވްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 2014 މާޗް ގެ ތެރޭގައި އެ ކުންފުނީގެ އެކައުންޓުން 15،000 ޑޮލަރު ޖަމާކުރީ އެ ކުންފުނީގެ އެމްޑީ، މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ކާރެއް ރައީސް ޔާމީންގެ ހަރަދުގައި އެކި ފަހަރުމަތިން މަރާމާތުކޮށްފައި ވާތީ، އެ ފައިސާ އަނބުރާ ދިނުމަށް ޔާމީން އެދިވަޑައިގަތުމުން އައްމަޓީގެ އެދުމަކަށް ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން ކޮށްފައިވާ އަމިއްލަ ވިޔަފާރީގެ މުއާމަލާތަކާ ގުޅޭ ފައިސާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ ފައިސާއަކީ ރައީސް ޔާމީން ވެރިކަމަށް އައުމުގެ ކުރިން އައްމަޓީއާ އެކު ހިނގާފައި އޮތް ވިޔަފާރީގެ މުއާމަލާތެއްގެ ފައިސާ. އެއީ ސީލައިފްއާ ގުޅޭ މުއާމަލާތަކާ ގުޅުން ހުރި ފައިސާއެއް ނޫން. އެއީ އެއްވެސް ވަރަކަށް ހައުސިން ޕްރޮޖެކްޓަކާ ގުޅުން ހުރި ފައިސާއެއްް ނޫން. ލިޔެކިޔުންތައް ހުންނާނެ،" ސީލައިފްގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލް އާއި އެޗުޑީސީ އިން ސޮއިކުރީ ވެސް މާޗް، 2014ގަ އެވެ. އަދި އެ މަޝްރޫއުގެ ބިންގާވެސް އަޅުއްވައި ދެއްވީ ރައީސް ޔާމީން އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ވެސް ވަނީ ހުށަހެޅިފަ އެވެ. އަދި އެ މައްސަލަ ފުލުހުން ވެސް ބަލަމުން ގެންދެ އެވެ. އެ މައްސަލައިގެ ތަހުގީގަށް ސީލައިފްގެ ވެރިޔާ އައްމަޓީ ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ވެސް ވަނީ ނެރެފަ އެވެ.

ދާދި ފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސީލައިފްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވާހަކަތައް ދެކެވޭ ކަމަށެވެ. އެގޮތުން ސީލައިފްއިން އެޗްޑީސީއަށް ދައްކާފައި ހުރި އެޑްވާންސް ފައިސާގެ ތެރެއިން ޑައުން ޕޭމަންޓަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ފަހު ޕްރޮޖެކްޓް އަލުން ފެށުމަށް އެ ކުންފުނިން ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސީލައިފްއިން ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓް ހުއްޓުނީ، އެގްރިމަންޓާ އެއްގޮތަށް އެޗްޑީސީއިން ނިންމަން ޖެހޭ ކަންތައްތަކެއް ނިންމާފައި ނުވާތީ އެވެ.

އޭސީސީއިން ދާދި ފަހުން ބުނެފައި ވަނީ، ސަރުކާރުން ހިންގި ތިން މަޝްރޫއެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ. އަދި ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްއިން ހުއްދަ ދީގެން އެވެ.

comment ކޮމެންޓް