ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު، ނައިބަކަށް މުއިއްޒު އިންތިހާބުކޮށްފި

މިއަދު ބޭއްވި ބާ ކައުންސިލްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު އިންތިހާބުކޮށްފި އެވެ. އަދި ނައިބު ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ވަނީ އިންތިހާބުވެ ވަޑައިގެންފަ އެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މައުމޫން ހަމީދަށް ލިބިވަޑައިގަތީ 543 ވޯޓެވެ. ހުސްނުއް ސުއޫދުއަށް ލިބިލެއްވީ 401 ވޯޓެވެ.

ބޮޑުތަފާތަކުން ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިލެއްވީ 139 ވޯޓެވެ.

ޖުމްލަ 1488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ނަމަވެސް ވޯޓް ލައްވާފައިވަނީ 955 ވަކީލުންނެވެ.

ބާ ކައުންސިލުގެ ހިންގާ ކޮމިޓީއަށް ވަނީ ހަ ވަކީލުން އިންތިހާބް ކޮށްފަ އެވެ. ހިންގާ ކޮމެޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް އިންތިހާބް ކުރި ހަ ވަކީލުން

1. މުހައްމަދު ފައިސަލް – 637 ވޯޓް

2. އަހްމަދު މުއިއްޒު – 627 ވޯޓް

3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް

4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް

5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް

6. އަނާރާ ނައީމް – 343 ވޯޓް

ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެގޮތުން ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް