ޒުންނަވާރުގެ ދެމަފިރިން، ބާ ކައުންސިލާ ދެކޮޅަށް ކޯޓަށް

ޒުންނަވާރު ސަލީމް

ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ހިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް، އަދި އޭނާގެ އަންހެނުން މެހެނާޒް ޙުސައިން ބާ ކައުންސިލާ ދެކޮޅަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައެވެ.

މިއީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ވެސް ނުވެއެވެ.

ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ބާ ކައުންސިލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ދެމަފިރިންގެ ތެރެއިން އަނބިމީހާ މެހެނާޒު ހުސައިނުގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ޒުންނަވާރު ސަލީމް، އެ ސިއްކައިގައި މެހެނާޒުގެ ސޮއިކުރުމުން އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ އަހަރެއްހައި ދުވަހަށް ބާ ކައުންސިލުން މި އަހަރު ހިފެހެއްޓިއެވެ.

https://sun.mv/210504

ބާ ކައުންސިލުން އެކަން ހާމަކޮށް، މޭ މަހު ނެރުނު ބަޔާނެއްގައިވަނީ 2021ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި މެހެޒާނުގެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެ މީހުންނަށް ރައްދުވާހެން ސުލޫކީ ޝަކުވާއެއް ލިބުނު ކަމަށާއި އެހެންވެ، މި މައްސަލައިގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ފަރާތުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ހުރެ، ޒުންނަވާރު އެއްބަސްވުން ނޯޓަރައިޒްކޮށްދީފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.

މެހެނާޒާއި ޒުންނަވާރު ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހަށް ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް