ބުރިޖުން ގުޅާލިޔަސް ވިލިމާލެ ފެހިކޮށް ބާއްވައިދޭން ރައްޔިތުން އެދިއްޖެ

ވިލިމާލޭގެ ހިތްފަސޭކަން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކޮށް އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އަހައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ވިލިމާލޭގައި ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނީ، ވިލިމާލޭގެ މަސް މާރުކެޓާއި، ލޯކަލް މާރުކޭޓާއި، ވިލާމާލޭގައި ތަރައްގީކުރާ ޕާކް ގެ ކުރެހުންތައް ހުށަހަޅައި ރައްޔިތުންގެ ހިޔާލު ހޯދުނު ކަމަށެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ގްރޭޓާ މާލޭގެ ބިޔަ މަޝްރޫއުގެ ސަބަބުން އެ އަވަށުގެ ފެހިކަން ގެއްލިދާނެތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ވިލިމާލެއަށް އަތުވާދާނެ ބަދަލުތައް ވިސްނައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުން އެދުނު ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ބުނީ، ރައްޔިތުން އެންމެ ބޮޑު އެދުމަކަށްވީ، ވިލިމާލެއަކީ ފެހި އަވަށެއްގެ ގޮތުގައި ބޭއްވުމުގެ ކޮންސެޕްޓްގައި އެ އަވަަށް ތަރައްގީކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ސިޓީ ކައުންސިލްގެ ފަރާތުން އެ އަވަށުގައި ހިންގަން ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލް ދެއްވައިފަ އެވެ. އެގޮތުން މަސްމާރުކޭޓް ހެދުން، ލޯކަލް މާރުކޭޓް ހެދުން، ކުޑަކުދިންގެ ޕާކެއް ހެދުން، ބާބަކިޔު ސަރަހައްދެއް ތަރައްގީކުރުން، ބީޗް ސަރަޙައްދުގައި ފަތާ ޓްރެކް ހެދުން އަދި އަތިރިމަތީ ސަރަހައްދުގައި ރެސްޓް ރޫމް ތަކާއި ފާހާނާ ބަރި ހެދުން ހިމެނެ އެވެ.

ސިޓީ ކައުންސިލުން ބުނީ، މިއީ ވަރަށް އެކުވެރި މާހައުލެއްގައި ބިނާކުރަވި ހިޔާލު ފާޅުކުރެވުނު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުންވެސް ބައިވެރިވި އެވެ.

comment ކޮމެންޓް