އަންޑަސްޓޭންޑިންއެއް ނެތް، އަޒްލީނާގެ އާއިލާއިން "ލީނާ" ބޮއިކޮޓް ކުރަން ގޮވާލައިފި

ޑިރެކްޓަރު މުއާ (ކ)، އަޒްލީނާ ނަފީސް (ވ): އަޒްލިނާގެ މަރު އަސްލަކަށް ބަލައިގެން ހަދާފައިވާ "ލީނާ" ފިލްމު ބޮއިކޮޓް ކުރަން އަޒްލީނާގެ އާއިލާއިން ވަނީ ގޮވާލައިފައި --

ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި 2001 ވަނަ އަހަރު މަރާލި އަޒްލީނާ ނަފީސްގެ ހަޔާތް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމު "ލީނާ" ހެދުމާ މެދު ޑިރެކްޓަރު އަބްދުﷲ މުއާޒް (މުއާ)އާ އެކު އެއްވެސް އިރެއްގައި އަންޑަސްޓޭންޑިންއަކަށް އާދެވިފައި ނުވާ ކަމަށް ބުނެ އެ ފިލްމު ބޮއިކޮޓް ކުރަން އަޒްލީނާގެ އާއިލާއިން އަނެއްކާ ވެސް ގޮވާލައިފިއެވެ.

މުއާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އަޒްލީނާގެ މަރުގެ ހާދިސާގެ މައްޗަށް ޑްރާމާއެއް ހަދާށެވެ. އެކަމަކު، އާއިލާއިން އެކަމާ އެއްބަސްނުވުމުން އަޒްލީނާގެ މަރުން "އިންސްޕަޔާ" ވެގެން ކަމަށް ބުނެ މުއާ ވަނީ އަޒްލީނާގެ މަރު އަސްލަކަށް ބަަލައިގެން "ލީނާ" ފިލްމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަކު، އޭރުވެސް އަޒްލީނާގެ އާއިލާއިން އެކަމާ ދެކޮޅެވެ.

ލީނާގެ ޓިކެޓު ވިއްކަން ފެށުމުން، އެ ފިލްމު ބޮއިކޮޓް ކުރަން ގޮވާލާ އަޑު ގަދަވެފައި ވަނިކޮށް، "ސަން"އާ ވާހަކަ ދައްކަމުން މުއާ މީގެ ކުރިން ބުނީ، ލީނާ ޝޫޓް ކުރަން ފެށީ އަޒްލީނާގެ އާއިލާއާ އެކު އަންޑަސްޓޭންޑިންއަކަށް އާދެވުމުން ކަމަށެވެ.

އެކަމަކު އެ ވާހަކަތައް އަޒްލީނާގެ އާއިލާއިން ދޮގުކުރެއެވެ. އެ އާއިލާއިން "ސަން"އަށް މިއަދު ބުނީ އެންމެ ކުޑަމިނުން ފިލްމު ހަދަން އެއްބަސްވާ ފަދަ އިޝާރާތެއް ލިބޭ ގޮތަށް ބަހެއްވެސް ބުނެފައި ނޯންނާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ދޮގެއް. އަބަދުވެސް އާއިލާއިން ފިލްމު ހެދުމާ ދެކޮޅު. އާއިލާ އެއްވެސް މެމްބަރަކާ ދެކެވުނު އެއްވެސް ވާހަކައެއްގައި ފިލްމު ހަދަން އެއްބަސްވެފައެއް ނޯންނާނެ. އަދި އެފަދަ އިޝާރާތެއް ލިބޭ ގޮތަށް ބަހެއްވެސް ބުނެފައެއް ނޯންނާނެ،" އަޒްލީނާގެ އާއިލާއިން ބުންޏެވެ.

މި އަހަރުގެ ތެރޭގައި ފިލްމާ ދެކޮޅަށް އާއިލާއިން ވާހަކަ ދައްކާފައި ނުވުމުން، އެކަމުގެ ނާޖާއިޒު ފައިދާ މުއާ ނެގީ ކަމަށް އާއިލާއިން ގަބޫލުކުރެ އެވެ.

އަޒްލީނާގެ އާއިލާއިން ބުނީ އެންމެ ފުރަތަމަ އަޒްލީނާގެ މަރާ ގުޅޭގޮތުން ޑްރާމާ ސީރީޒްއެއް ހަދަން މުއާ އުޅުމުން، އާއިލާއިން އޭނާއާ ގުޅައި، އަޒްލީނާގެ މަރުން ވިޔަފާރީގެ ފައިދާ އެއްވެސް ފަރާތަކުން ނަގައިގެން ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅު ހެދި ކަމަށެވެ. އޭރު އާއިލާގެ ނުގަބޫލުގައި ޝޫޓު ނުކުރާނެ ކަމަށް މުއާ ބުނުމުން، އޭނާ އެ މަސައްކަތް ހުއްޓާލީ ކަމަށް ހީކުރެވުނު ކަމަށްވެސް ބުންޏެވެ.

އެކަމަކު، އޭގެ ދުވަސްކޮޅެއް ފަހުން "ލީނާ"ގެ ނަމުގައި އަޒްލީނާގެ މަރުން "އިންސްޕަޔާ" ވެގެން ފިލްމެއް ހަދާ ވާހަކަ މުއާ ނޫހަކަށް ބުނުމުން އެކަން އަޒްލީނާގެ އާއިލާއަށްވީ ބޮޑު ސިހުމަކަށެވެ.

"މިކަމާ ގުޅިގެން އާއިލާގެ ފަރާތުން ނުރުހުން ފާޅުކުރަން ގުޅުމުން، ޑިރެކްޓަރު ބުނެފައި ވަނީ 'ނުޖެހޭނެ ހުއްދަ ހޯދާކަށް، އަހަރެން ފިލްމު ހަދަނީ އިންސްޕަޔާ ވެގެން'. އެ ފަރާތުން ވާހަކައާއި ބަހުރުވަ ހުރި ގޮތުން އާއިލާއިން އިތުރަށް ވާހަކަ ދައްކަން ބޭނުމެއް ނުވީ. އަދި އޭގެ އިތުރުން ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ވަކީލެއްގެ ކިބައިން ސާފުވެފައިވޭ،" އަޒްލީނާގެ އާއިލާގެ މެންބަރަކު ބުންޏެވެ.

އެހިސާބުން ކިތަންމެ މަޝްވަރާއެއް ކުރިއަސް ފިލްމު ހެދުން ހުއްޓާނުލާނެކަން ޔަގީންވިކަމަށް އަޒްލީނާގެ އާއިލާއިން ބުންޏެވެ. ނަމަވެސް ފިލްމު ބޮއިކޮޓްކުރަން ގޮވާލަން ފެށި ހިސާބުން މި މަހުގެ ތެރޭގައި އާއިލާއާ މުއާއާ ފޯނުން ވާހަކަދެއްކި ކަމަށާއި، ފިލްމު ބޮއިކޮޓްކުރަން ގޮވާލާ އެއްވެސް ސޯޝަލް މީޑިއާ ޕޯސްޓަކަށް ކޮމެންޓު ނުކުރަން މުއާ އެދުނުކަމަށް އެ އާއިލާގެ މެމްބަރަކު ބުންޏެވެ.

އޭގެ އިތުރުން، އަޒްލީނާގެ އާއިލާއަށް ޓިކެޓު ދޭން، އަދި ފިލްމު ބަލަން އާއިލާގެ ބައެއް މީހުން ރަށުން މާލެއަށް ގެނައުމުގެ ކަންތައް ހަމަޖައްސައިދޭންވެސް މުއާ ހުށަހެޅިކަމަށް އާއިލާއިން ބުންޏެެވެ.

"ފިލްމުގައި އުޅޭ އެހެން ފަރާތަކުންވެސް ގުޅާފައި، ބޭނުންވަނީ އާއިލާއަށް ޓިކެޓު ދޭ މަންޒަރު ފޮޓޯނަގަން ކަމަށް ބުނި،" އާއިލާއިން ބުންޏެވެ.

މީގެ އިތުރުން "ލީނާ"ގެ ޕޯސްޓަރުތަކުންވެސް ފެންނަނީ އަނިޔާވެރި މަންޒަރުތަކެއް ކަމަށާއި، އެ ފެނުމުން ހިތްދަތިކަން ލިބޭ ކަމަށް އާއިލާއިން ބުންޏެވެ.

އަޒްލީނާގެ މަރުން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ފިލްމު ބޮއިކޮޓްކުރަން އާއިލާއިން އެދުނު އިރު، ފިލްމު އެޅުވުން ހުއްޓުވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އާއިލާއިން ވަނީ ގޮވާލައިފަ އެވެ.

އަޒްލީނާގެ އާއިލާގެ ނުރުހުމުގައި އޭނާގެ ހަޔާތުގެ މައްޗަށް ފިލްމު ހަދައި އެއިން މާލީ މަންފާ ހޯދަން މަސައްކަތްކުރާނީ އާއިލާއިން ކުރާ ހިތާމައާއި އުފުލާ ވޭނަށް ހަމްދަރުދީއެއް ނެތުމުންކަމަށް ގަބޫލުކުރެވޭކަމަށްވެސް އެ އާއިލާއިން ބުންޏެވެ. އަދި މިއީ އަޒްލީނާގެ ހަނދާންތަކަށް އިހުތިރާމުކުރުމަށް އާއިލާއިން ކުރާ އާދޭސްތަކަށް ދޭ ބީރު ކަންފަތެއްކަމަށް ވެސް ބުންޏެވެ.

"ލީނާ"ގެ ޓިކެޓު ވިއްކަން ފެށީ ހޯމަ ދުވަހު އެވެ. އެ ފިލްމުގައި އަޒްލީނާއަށް ނިސްބަތްވާ "ލީނާ"ގެ ރޯލު ކުޅެނީ މަރިޔަމް އައްޒަ އެވެ. އަދި އަޒްލީނާގެ ގާތިލު ޒުހޫރުގެ ރޯލުން ފެންނަނީ ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒްއެވެ. ފިލްމުން ފެންނަ އިތުރު ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ޚަލީލް، އަހްމަދު ނިމާލް، އަހްމަދު ސައީދު އަދި ޒީނަތު އައްބާސް ހިމެނެވެ.

comment ކޮމެންޓް