އެފްއައިޔޫގެ ކުރީގެ ހެޑް އަޝްރަފު ބަދަލުކުރީ މަސްއޫލިއްޔަތު އަދާނުކުރާތީ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު--- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (ފައިޔޫގެ)ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް ބަދަލުކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ނުކުޅެދިފައިވާތީ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެފްއައިޔޫއަކީ މަނީލޯންޑަރިންގެ ހަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މުދަލާގުޅޭ މައުލޫމާތު ހޯދައި، ދިރާސާކޮށް، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާއެވެ.

އަޝްރަފް އެމްއެމްއޭގެ އެހެން ޔުނިޓަކަށް ބަދަލުކުރީ އޭނާގެ މަގާމުގެ ގިންތިއަކަށް ބަދަލު ނާންނަ ގޮތަށެވެ.

އެމްއެމްއޭއިން ބުނީ އަޝްރަފު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޚާއްސަކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން އަޝްރަފު އިސްވެހުންނަވައި އަމަލުކުރައްވާފައިވަނީ، އެފަދަ މައުލޫމާތު ލިބުމުން އަމަލުކުރަން އޮންނަ ގޮތާ ޚިލާފަށް ކަމަށެވެ.

އެގޮތުން 2018 ޖޫންމަހުގެ ތެރޭގައި، ސިޔާސީ އިސްފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ އާ ގުޅިގެން އެފްއައިޔޫ އިން އެކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވައި ގިނަދުވަސްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްވިކަން ފާހަގަކުރެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ އަޝްރަފް މަގާމުގައި ހުންނެވިއިރު އެފްއައިޔޫ ހިންގި ގޮތުގެ ރިޕޯޓްވެސް ތައްޔާރުކޮށްފައިނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅޭ މުއާމަލާތްތަކުގެ ރިޕޯޓް އެންމެ ފުރަތަމަ ވެސް ލިބުނީ އެފްއައިޔޫގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރަށް ކަމަށާއި އޭގެ އެނަލިސިސް ހެދުމަށްފަހު އެއްވެސް ފިޔަވަޅެއް ނާޅާކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިން މިއަދު އަޝްރަފްއާ ބޭހެގޮތުން ނޫސްބަޔާނެއް ނެރުނުއިރު އެފްއައިޔޫގެ މަސައްކަތްތަކަަށް އެމްއެމްއޭގެ ގަަވަރުނަރު އަހުމަދު ނަސީރު ހުރަސްއަޅުއްވާކަމަށް ބުނެ އަޝްރަފްވަނީ މަޖިލީހަށް ސިޓީއެއްވެސް ފޮނުއްވައިފައެވެ.

ގާނޫނުގައި ވާގޮތުން ގަވަރުނަރަށް އެ ޔުނިޓްއަަށް އެއްވެސް ނުފޫޒެއް ފޯރުވުމުގެ ބާރެއް ނޯވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް 22 މިލިއަން ރުފިޔާ ވަން މައްސަލަ ހުށަހެޅީވެސް އަޝްރަފެވެ. އަޝްރަފް އެފްއައިޔޫގެ ވެރިޔާކަމުން ބަދަލުކުރީވެސް ހަަމަ އެދުވަސްވަރުއެވެ.

އަޝްރަފް ފަހުން ވަނީ އޭނާ ވަކިކުރުމުގެ މައްސަލަ ބަލައިދޭން ރައީސް އޮފީހަށްވެސް ހުށަހަޅައިފައެވެ.

އަޝްރަފްގެ ކުރިން އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވީ އާތިފް ޝުކޫރެވެ. ނަަމަވެސް އެމްއެމްޕީއާރުސީން އެސްއޯއެފްއަށް ފައިސާ ޖަމާކުރި މައްސަލަ ފެންމަތިވުމުން އޭނާ ވަނީ ފަހުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް