"އިނިއެސްޓާއާއި ޒަވީއާ އަޅާ ކިޔޭކަށް ބޭނުމެއް ނޫން"

ބާސެލޯނާއާ އަލަށް ގުޅުނު ޒުވާން މިޑްފީލްޑަރު ޑެ ޔޮންގް --- ފޮޓޯ// ޑެޔަން ކަލިނިޗް

ބާސެލޯނާގެ ދެ ރަމްޒުދާރު ކަމުގައިވާ އަންދުރެސް އިނިއެސްޓާއާއި ޒަވީ ފަދަ ކުޅުންތެރިންނާ އެއްފަދަކޮށް އަޅާ ކިޔެން ބޭނުން ނުވާ ކަމަށް އެ ކުލަބާ އަލަށް ގުޅުނު ޒުވާން މިޑްފީލްޑަރު ފްރެންކީ ޑެ ޔޮންގު ބުނެފިއެވެ.

ނެދަލެންޑުގެ އަޔެކްސްއާ އެކު ކާމިޔާބު ސީޒަނެއް ނިންމާލުމަށްފަހު ޑެ ޔޮންގް ބާސެލޯނާއަށް އައުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ހުނަރަށް ތައުރީފު ކުރަމުންނެވެ. އެގޮތުން އޭނާ ކުޅޭ ސްޓައިލާއި އެކުލަބުގައި ކުރިން އެ މަގާމަށް ކުޅުނު ޒަވީއާއި އިނިއެސްޓާއާ އެއްގޮތް ވައްތަރުތަކެއް ހުންނަކަން އެ ދެ ކުޅުންތެރިން އަމިއްލައަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ބާސެލޯނާއިން މިހާރު ކުރިއަށް މިދާ ޓްރާންސްފާ މާކެޓުގައި މިހާތަނަށް ދެ ކުޅުންތެރިޔަކު ގެނެސްފައިވާ އިރު އުމުރުން 22 އަހަރުގެ ޑެ ޔޮންގް ބާސެލޯނާއާ ގުޅުނީ 75 މިލިއަން ޕައުންޑުގެ އަގަކަށެވެ.

"ބާސެލޯނާއަކީ މިޑްފީލްޑަރަކަށް އެންމެ ރަނގަޅަށް ހުނަރު ދައްކާލެވޭނެ ޓީމު. އެ ޓީމުން ބޯޅަ ކޮންޓްރޯލުކުރާ ގޮތާއި ބޯޅަ ހިފަހައްޓައިގެން ކުޅޭ ކުޅުމަކީ އަހަރެންގެވެސް ސްޓައިލް،" ޑެ ޔޮންގް ބުންޏެވެ.

"އެކަމަކު އަހަރެން ބޭނުމެއް ނޫން ޒަވީއާ އިނިއެސްޓާ ފަދަ ކުޅުންތެރިންނާ އެއް ފެންވަރަކަށް އަޅާ ކިޔޭކަށް،"

ޑެ ޔޮންގް ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ބާސެލޯނާއަށް ހޯދައިދިނުން ކަމަށެވެ. އަދި ބާސެލޯނާގެ ޓީމާ އެކު ފަރިތަކުރުންތައް ފަށަން ކެތްމަދު ވެފައި ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޑެ ޔޮންގް ވަނީ އަޔެކްސްއާ އެކު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. އަދި އޭނާ ވަނީ ހޮލެންޑުގެ ލީގާއި ލީގު ކަޕު ކާމިޔާބު ކުރުމުގައި އަޔެކްސްއަށް މުހިންމު ދައުރެއް އަދާކޮށްދީ ހޮލެންޑު ލީގު ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

comment ކޮމެންޓް