ހުސައިން އާދަމްގެ ގުރުބާނީ ރަމްޒުކޮށްދޭ ކަލްޗަރަލް ސެންޓަރެއް ކުޅުދުއްފުށީގައި

ޝަހީދު ހުސައިން އާދަމް --

ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ހދ. ކުޅުދުއްފުށީގައި ކަލްޗަރަލް ސެންޓަރެއް އަޅަން ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހުސައިން އާދަމްގެ ވާހަކަ ދައްކަނީ ހަމައެކަނި ނޮވެމްބަރު ތިނެއްގައި ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގައި ދިވެހި ގައުމަށް ގުރުބާންވި މީހުން އެޕްރިޝިއޭޓް އެއް ނުކުރެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ގައުމާ ރައްޔިތުންގެ ދިފާއުގައި ހުސައިން އާދަމް ވީ ގުރުބާނީ ރަމްޒުކޮށްދޭ ކަލްޗަރަލް ސެންޓަރެއް ކުޅުދުއްފުށީގައި ހަދަން ނިންމައިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އެކި ރަށް ރަށުގައި ދިވެހިވަންތަ ސަގާފީ އެކި އެކި ހާދިސާތައް އެބަހުރި ކަމަށާއި، އެފަދަ ގަދީމީ ކަންކަން ފެންނަން ހުރުމަކީ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި ބޮޑު ދައުރެއް އަދާކުރާނެ ތަންތަން ކަމަށެވެ.

އެހެންކަމުން ޒޯން ތަކަކަށް ބަހާލައިގެން ގިނަ ރަށްތަކެއްގައި ކަލްޗަރަލް ސެންޓަރުތައް އެޅުމުގެ ވިސްނުން ގެންގުޅޭކަން އަލީ ވަހީދު ހާމަކުރެއްވިއެވެ.

އެގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާރީޚާ ގުޅިފައިވާ، ރ. އަނގޮޅިތީމު ގައި ކަލްޗަރަލް ސެންޓަރެއް ހަދަން ވެސް ވަނީ ނިންމައިފައެވެ.

އަނގޮޅިތީމަކީ ނަޝީދު އަރުވާލި ރަށެވެ. އެ ރަށުގައި ކަލްޗަރަލް ސެންޓަރެއް ހެދުމަށް ދެކުނު އެފްރިކާ އާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރު ރައީސް ނަޝީދުގެ އުފަންދުވަހާ ދިމާކޮށް އެ ސެންޓަރު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ.

ކުޅުދުއްފުށްޓާއި އަނގޮޅިތީމުގެ އިތުރުން، އައްޑޫ ސިޓީ އާއި އދ. ދަނގެއްޗާއި އއ. ތޮއްޑޫ އަދި ލ. އަތޮޅުގައި ވެސް ކަލްޗަރަލް ސެންޓަރުތަކެއް ހަދަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް