އިސްކަން ދޭންވީ ކުދިންނަށް ރިވެތި ސިފަތައް ދަސްކޮށްދޭން: މިނިސްޓަރު

އޭލެވެލް ޓޮޕް ޓެންގައި ހިމެނުނު ދަރިވަރަކަށް ޑރ އައިޝަތު އަލީ އިނާމް އަރުވަނީ---- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހުރިހާ ދަރިވަރުންވެސް ދިރިއުޅުމުގެ ރޭހުގައި ކުރިއަށް ދިއުމަށް ރިވެތި ސިފަތަކަށް އިސްކަންދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އޭ ލެެވެލް ޓޮޕް ޓެންގެ އެންމެ ރަނގަޅު 10 ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިމްތިހާނުތަކުން ވަނަތައް ލިބުނަސް ދިރިއުޅުމުގެ ކާމިޔާބަށް ފުރޮޅިގެން ނުދާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި، އެފަދަ ވަނަތައް ލިބުނު ދަރިވަރުންނަށް ބަލާއިރު، ދިރިއުޅުމުގައި ފަހުން ކާމިޔާބާއި ކުރިއެރުން އެންމެ ބޮޑަށް ހޯދިފައިވަނީ، ތަޢުލީމީ ގޮތުން މޮޅުވުމުގެ އިތުރަށް، ތިމާގެ ގައިގައި ރިވެތި އެހެން ސިފަތަކެއް ހުރެގެން ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ސިފަތަކުގެ ތެރޭގައި ވާހަކަ ދެއްކުންތެރިކަމާއި، މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި، ކެރުމާއި، ރިވެތި ހުލްގު ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދޮށީ މީހުންނާއި އިހުތިރާމް ކުރުމާއި، ކުޑަކުދީންނަށް އޯގާތެރިވުމާއި، ކެތްތެރިކަމާއި ކަންކަން ކުރުމުގައި ސާބިތުވެ ހުރުމާއި، މީހުންނަށް އަޅާލުމާއި ރަހުމްކުރުން އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުންވެސް އެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

" އެހެންކަމުން، އަޅުގަނޑު އެދެނީ ހާއްސަ ވަނަތައް ލިބޭ ދަރިވަރުންނާއި އެހެން ހުރިހާ ދަރިވަރުންވެސް ،
ދިރިއުޅުމުގެ ރޭހުގައި، ކުރިއަރައި ދިއުމަށްޓަކައި، މިދެންނެވި ކަންތައްތަކަށް އިސްކަމެއް ދިނުން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފައިވާ، ވަށާޖެހޭ ތަޢުލީމު ދިވެހި ލޮބުވެތި ދަރިވަރުންނާއި ހަމައަށް ފޯރުކޮށްދޭނެ ކަަމަށާއި އަދި ރައީސްގެ ތަޢުލީމީ ވަޢުދު ފުއްދުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

comment ކޮމެންޓް