56 ވަކީލުން ސަސްޕެންްޑް ކުރީ ސުޕްރީމް ކޯޓުން އަންގައިގެނެއް ނޫން: ޑީޖޭއޭ

ޖުޑީޝަރީ ކޮމިޓީއަށް ޑީޖޭއޭ ހާޒިރުކޮށް ސުވާލު ކުރަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން އެއްފަހަރާ 56 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުން އަންގައިގެން ނޫން ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޕެޓިޝަނުގައި ސޮއިކުރި 56 ވަކީލުން ސަސްޕެންޑް ކުރީ 2017 ވަނަ އަހަރު އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހާޒިރުކޮށް 56 ވަކީލުން އެއްފަހަރާ ސަސްޕެންޑްކުރި މައްސަލާގައި ސުވާލު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ.

ވަކީލުންތަކެއް ގޯސްކޮށް ސަސްޕެންޑް ކުރެވުނު ކަމަށް ޖުޑިޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވާތީ ގޯސްކޮށް އަމަލު ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވޭތޯ ސިރާޖު ސުވާލު ކުރެއްވި އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ޖުޑިޝަލް އެކަޑަމީގެ ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ 56 ވަކީލަކު ސަސްޕެންޑް ކޮށްފައިވަނީ ސުޕްރީމް ކޯޓުން އަންގައިގެން ނޫން ކަމަށެވެ.

"އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައޮތް ނިންމުމަކާ ގުޅިގެން ކޮށްފަ އޮތް ކަމެއް ނޫން. އެއީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑް މިނިސްޓްރޭޝަނުން ސުޕްރީމް ކޯޓުގެ ބަހެއް ނެތި ކޮށްފައި އޮތް ކަމެއް." މާޖިދު ވިދާޅުވި އެވެ.

ޖުޑިޝަލްއެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަ ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ އޭރު 56 ވަކީލެއް ސަސްޕެންޑްކޮށްފައިވާ ކަންކަމުގައި ކަން ހިނގައި ދިޔަގޮތުގެ މުއާމަލާތްތައް ލިޔެކިޔުމުންވެސް ނެތް ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީއަށް ޑީޖޭއޭ ހާޒިރުކޮށް ސުވާލު ކުރަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެކަން ހިނގާފައި ވަނީ ކުރިން އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ބެލުމުގެ ދަށުން ކަމަށް ނަޒީރު ވިދާޅުވި އެވެ. އޭރު އެޑްމިނިސްޓްރޭޓަރަކަށް ހުންނެވީ ހަސަން ސައީދެވެ.

އެޖަވާބާ ގުޅިގެން މެމްބަރު ސިރާޖު ސުވާލު ކުރެއްވީ ޑީޖޭއޭއިން އަބަދުވެސް ނިންމުންތައް ނިންމަނީ ސުޕްރީމް ކޯޓުން ވަކިގޮތަކަށް އެންގުމުން ކަމަށް އެނގިފައިވާތީ އެކަމާ ގުޅިގެންނެވެ. އެ ސުވާލާ ގުޅިގެން ޑރ ނަޒީރު ވިދާޅުވީ ސީދާ ސުޕްރީމް ކޯޓުގެ އެންގުމެއް ނެތް ކަމެއް ސާފު ނުވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމެއް އެކަމުގައި ނެތްކަން އަޅުގަނޑަށް ހަމަ ކަށަވަރު. އެހެން މި ދަންނަވަން ޖެހޭ ސަބަބަކީ އެހެނިހެން ހުރިހާ ސަސްޕެންޝަން ތަކުގައި ސުޕްރީމް ކޯޓުގެ ލިޔުން ޑީޖޭއޭއަށް އައުމާއެކީގައި ޑީޖޭއޭއިން އެ ސަސްޕެންޑް ކުރާ ވަކީލެއްގެ ބަޔާން ނަގާފައި ހުރީ ލިޔެކިޔުންތަކެއްގެ މައްޗަށް." ޑރ ނަޒީރު ވިދާޅުވި އެވެ.

ވަކީލުން ސަސްޕެންޑް ކުރަން އިއުލާނު ނެރެފައިވަނީ ސުޕްރީމް ކޯޓާ ހަވާލާދީ ކަމަށް ވާތީ، ސުޕްރީމް ކޯޓުގެ އެންގުމެއް ނެތި އެގޮތަށް އިއުލާނު ނެރިގެން އެއްވެސް މީހަކާ މެދު ފިޔަވަޅެއް އަޅާފައިވޭތީ ސިރާޖު ސުވާލު ކުރެއްވުމުން ނަޒީރު ވިދާޅުވީ ވަކީލުން ސަސްޕެންޑް ކުރި ކަންތަކުގައި ޑީޖޭއޭގެ މިހާރުގެ ސްޓާފުންގެ އެއްވެސް ދައުރެއް އޮތް ކަމަށް މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް