ރާއްޖެއިން ހުށަހަޅާ އައިއޯއައިޖީގެ ބިޑަށް ސީޝެލްސް ތާއީދު

2023 ވަނަ އަހަރުގެ އައިއޯއަޖީގެ ބިޑު ކާމިޔާބު ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު ސީޝެސްލްސްއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޑެނީ ފޯރއާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ޔޫތް މިނިސްޓަރީ

ރާއްޖޭގައި މިހާތަނަށް ބާއްވާން މަސައްކަތް ކުރާ އެންމެ ބޮޑު ކުޅިވަރުގެ ހަރަކާތް ކަމަށްވާ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ކުރާ ބިޑަށް ސީޝެލްސްއިން ތާޢީދުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ޔޫތް މިނިސްޓަރީން ބުނެފި އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިހާރު ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެދެބޭފުޅުން ވަނީ އެ ގައުމުގެ ރައީސް ޑެނީ ފޯރގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

އަދި މި ދަތުރުފުޅުގައި ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ސީޝެލްސްގެ ރައީސް ޑެނީ ފޯރއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް ވެސް އަރުވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ރައީސް ވަނީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން އަަރުވައިފައެވެ.
ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ވަޒީރުން ވަނީ ސީޝެލްސްގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅަކީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުގައި ދެ ވަޒީރުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ސީޝެލްސްގެ އިތުރުން އަންނަ ފަހަރުގެ އެ މުބާރާތް ބާއްވަން ބިޑު ކޮށްފައިވާ ކޮމޮރޯސްގެ އިތުރުން މޮރިޝަސްއަށް ވެސް މި ދަތުރުފުޅުގައި ދެ ވަޒީރުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދެހާސް ތޭވީސްވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާނެ ގައުމެއް ކަނޑަ އަޅާނީ މި މަހު މޮރިޝަސްގައި ފަށާ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތާއި ވީހާވެސް ގާތް ކޮށްފައި ކަމަށް އައިއޯއައިޖީގެ ޑެލިގޭޝަން ޓީމުން ވަނީ ބުނެފަ އެވެ.

އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ދިވެހި ރާއްޖެއަށް ވެސް ދާދި ފަހުން ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް