ފްލޫ ކްލިނިކް ހުޅުވިފަހުން މިހާތަަނަށް 1098 މީހުންނަށް ފަރުވާދީފި

ރާއްޖޭގައި ފެތުރެމުންދިޔަ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ފައިލްފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކް ހުޅުވިފަހުން މިހާތަަނަށް 1098 މީހުންނަށް ފަރުވާދީފިއެވެ.

ރޯގާ އިތުރުވުމުގެ ސަބަބުން އެކަމަށް ފަރުވާ ދޭން ފްލޫ ކްލިނިކް ހުޅުވީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

އެ ކްލިނިކުން އެޕޮއިންޓްމަންޓަކާ ނުލައި ވެސް ފަރުވާދެއެވެ. ފަރުވާ ދެމުން އަންނަ ގަޑިތަކުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ދަންވަރު 12އާ ހަމައަށް ހިދުމަތް ދޭނެ އެވެ.

އައިޖީއެމްއެޗްއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ ކްލިނިކް ހުޅުވިފަހުން ހުމަށް ފަރުވާ ދިނީ މިދިޔަ ބުދަ ދުވަހާއި އަދި ހޮނިހިރު ދުވަހު ކަމަށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު 249 މީހުންނަށް ފަރުވާ ދިން އިރު ހޮނިހިރު ދުވަހު ވަނީ 250 މީހުންނަށް ފަރުވާ ދީފައެވެ.

ރޯގާ މާބޮޑަށް އިތުރުވުމުން 2017 ވަނަ އަހަރުވެސް އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ މިމަހުން ފެށިގެން ހުމުގެ ރޯގާގެ ވައްތަރެއް ކަަމަށްވާ އިންފްލުއެންޒާ ބީ ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކަމަށެވެ.

އެހެންކަމުން ، އެކަމަށް ހާއްސަ ވެކްސިން އަވަހަށް ޖެހުމަށް (އެޗްޕީއޭ)ން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.

comment ކޮމެންޓް