ޓޫރިސްޓް ވިސާގައި މަސައްކަތް ކުރަން އައިސްގެން މަހަކު 139 މީހުން އަނބުރާ ފޮނުވާލާ: ހަނަފީ

ހަނަފީ: ޓުރިސްޓް ވިސާގައި މަސައްކަތް ކުރަން އައިސްގެން މަހަކު 139 މީހުން އަނބުރާ ފޮނުވާލާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޓޫރިސްޓް ވިސާގައި މަސައްކަތް ކުރަމުން އައިސްގެން މަހަކު އެވްރެޖްކޮށް 139 މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ، އަނބުރާ ފޮނުވާލާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ހަނަފީ ވިދާޅުވެއްޖެ އެވެ. އޭގެ ތެރޭގައި އެހެނިހެން ސަބަބުތަކާހުރެ ވެސް ފޮނުވާލާ މީހުން ހިމެނެ އެވެ.

ޓޫރިސްޓް ވިސާގައި ބިދޭސީން އައިސް ޕްރޮފެޝަނަލް މަސައްކަތް ކުރަމުން ގެންދާތީ މަޝްހޫރު ފޮޓޯގްރާފަރު އަދި ސާފަރު، އަހްމަދު އަޒްނިލް އިއްޔެ ވަނީ އެކަން ހުއްޓުވުމަށް ރައީސް އޮފީސް ކުރުމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފަ އެވެ.

އެކަންބޮޑުވުންތަކަށް ޓްވިޓް މެދުވެރިކޮށް ޖަވާބު ދެއްވަމުން ހަނަފީ ވިދާޅުވީ، ޓުއަރިސްޓް ވިސާގައި އައިސް، ހާއްސަކޮށް ޕްރޮފެޝަނަލް ގިންތިތަކުގައި މަސައްކަތް ކުރާ ބިދޭސީން ހުއްޓުވާ އެފަރާތްތައް ފޮނުވާލުމަށްޓަކައި ރައްޔިތުންނާ ގުޅިގެން އިމިގްރޭޝަން އިން އަބަދުވެސް މައްސައްކަތް ކުރާ ކަމަށެވެ.

"އެރައިވަލް ގައި މިފަދަ ކަމަކަށް ކިރިޔާވެސް ތުހުމަތު ކުރެވޭ ފަރާތެއް ފާހަގަ ކުރެވިއްޖެ ނަމަ، އެ ފަރާތްތައް ރާއްޖެ އެތެރެ ވުމުގެ ހުއްދަ ނުދީ ފޮނުވާލެވޭ،" ހަނަފީ ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

ހަނަފީ އެދިވަޑައިގަތީ އެފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން ([email protected]) އަށް އެ މައުލޫމަތު ހިއްސާ ކުރެއްވުމަށެވެ.

ޓުއަރިސްޓް ވިސާގައި އައިސް ދިވެހިންނަށް އާންމުދަނީ ލިބޭ ޕްރޮފެޝަނަލް މަސައްކަތްތައް ކުރަމުންދާތީ އެކަމާ ގުޅޭގޮތުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް