ކުޅުދުއްފުށީ ޓާފް ދަނޑުގައި ރޯކޮށްލައިފި

ހދ. ކުޅުދުއްފުށީ ޓާފް ދަނޑުގައި ރޯކޮށްލާފައި ---

ހދ. ކުޅުދުއްފުށީ ޓާފް ދަނޑުގައި އަލިފާން ރޯކޮށްލައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ، ކުޅުދުއްފުށީ ޓާފް ދަނޑުގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައިވަނީ މިރޭ 7:59 ހާއިރު ކަމަށާއި އޭގެ ދިހަ ވަރަކަށް މިނެޓް ތެރޭގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ޓާފް ދަނޑަށް އެކިވަރުގެ ގެއްލުން ވެފައިވާއިރު އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ޓާފް ދަނޑުގައި އަމިއްލައަށް ރޯވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބެލެވޭ ގޮތުގައި ބަޔަކު ވަނީ ޓާފް ދަނޑުގައި ރޯކޮށްލާފައި ކަމަށެވެ.

"ޖެހި ޖެހިގެން މި އިންނަނީ މެޓް ދަނޑަކާއި ޓާފް ދަނޑެއް. ޓާފް ދަނޑުގެ ވިނަގަނޑަށް އަޅާ ރަނބަރު ހުސްވެފައި ހުރުމުން މި ދުވަސް ކޮޅު ބޭނުން ނުކޮށް ހުއްޓާ އަލިފާން މި ރޯކޮށްލީ. ފުދޭވަރަކަށް ބޮޑު ބައެއްގައި އަލިފާން ހިފާ ވަރަށް ބޮޑަށް އަނދާފައި ވަނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ، އެ ދަނޑަކީ އެ ރަށުގެ ގިނަ ޒުވާނުންތަކެއް ފުޓްބޯޅަ އަދި މުބާރާތްތައް ވެސް ކުޅުމަށް ބޭނުންކުރާ ދަނޑެއް ކަމަށާއި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެ ދަނޑު މަރާމާތު ނުކޮށް ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ.

comment ކޮމެންޓް