ކުރިން އައި ބިންހެލުމަށް ވުރެ ވަރުގަދަ ބިންހެލުމެއް އެމެރިކާގެ ކެލިފޯނިއާއަށް އަތުވެދާނެކަމުގެ ބިރު އެބައޮތް ކަަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއަކުން ދައްކައިފިއެވެ.
އެމެރިކާގެ ކެލިފޯނިއާއަށް އިއްޔެ ވަނީ ވަރުގަދަ ބިންހެލުމެއް އައިސްފައެވެ. ރެކްޓާ މިންގަނޑުން އެ ބިންހެލުން ހުރީ 7.1 ގެ ބާރުމިނުގައެވެ.
ކެލިފޯނިއާއަށް މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ރެކްޓާ މިންގަނޑުން 6.4ގެ ބާރު މިނުގެ ބިންހެލުމަށް އައިސްފައެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭވެސް އެ ސްޓޭޓަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގެ ފަހުންވެސް އެކި ފަހަރުމަތިން 1000 ކުދިކުދި ލޮޅުންތައް ވަނީ އަރައިފައެެވެ.
ބިންހެލުން ދިރާސާ ކުރައްވާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ސެސްމޮލޮޖިސްޓް ޑރ. ލުސީ ޖޯންސް ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށްދާ ބިންހެލުމެއް ކަަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރިން އައި ބިންހެލުމަށްވުރެ ވަރުގަދަ ބިންހެލުމެއް އައުމުގެ ފަސް ޕަސެންޓް ޗާންސް އެބައޮތް." ލުސީ ވިދާޅުވިއެވެ.
ކެލިފޯނިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ގޭސް ލައިންތައް ހަލާކުވެ އަލިފާންރޯވުމުގެ އިތުރުން ކަރަންޓާއި އަދި ފެން ލިބުމަށްވެސް ބައެއް ހިސާބުތަކުގައި ވަނީ ދަތިވެފައެވެ. އަދި ކެލިފޯނިއާގެ ސްޓޭޓެއް ކަަމަށްވާ ރިޖުކްރެސްޓްގައި ވަނީ އިމަޖެންސީ ހާލުތުވެސް އިއުލާންކޮށްފައެވެ.
ކެލިފޯނިއާގެ ދެކުނަށް އައި ބިންހެލުމުގެ އަސަރު ލޮސް އެންޖަލިސްއަށްވެސް ކުރިއެވެ.