ލަންކާގައި މަރުގެ އަދަބު ދިނުން ފަސްކުރުމަށް ސުޕްރީމުކޯޓުން އަމުުރު ކޮށްފި

ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ބައެއް މީހުން މުޒާހަރާ ކުރަނީ -- ފޮޓޯ: އީޕީއޭ

ލަންކާގައި މަރުގެ އަދަބު ދިނުން ފަސްކުރުމަށް އެގައުމުގެ ސުޕްރީމު ކޯޓުން އަމުރު ކޮށްފިއެވެ.

ސުޕްރީމު ކޯޓުން އަމުރުކޮށްފައިވަނީ ޑްރަގްގެ މައްސަލަތަކުގައި މަރަން ހުކުމްކޮށްފައިވާ މީހުންނަށް އަދަބު ދިނުން އޮކްޓޯބަރު 30 އަށް ފަސް ކުރުމަށެވެ. ކޯޓުން މި ނިމުން ނިންމާފައިވަނީ މަރުގެ އަދަބު ދިނުމާއި ދެކޮޅަށް އެގައުމުގެ އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެންނެވެ.

މަރުގެ އަދަބު ދެނީ ލަންކާގައި ގަވާއިދާ ހިލާފު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަރުގެ އަދަބު ދޭން ފަށާނެ ތާރީހެއް އިއުލާނެއް ނުކުރައްވައެވެ.

ލަންކާގައި 43 އަހަރު ފަހުން ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދިނުމަށްޓަކައި ދެ ޖައްލާދުންވެސް ވަނީ އައްޔަނު ކޮށްފައެވެ. ޖައްލާދުންގެ ވަޒީފާ އަދާ ކުރާ މީހަކަށް 36،310 ރުޕީސް (158 ޑޮލަރު) ދޭނެ އެވެ.

ލަންކާގައި އެންމެ ފަހުން ހުރި ޖައްލާދު މީގެ ފަސް އަހަރު ކުރިން އިސްތިއުފާ ދިނީ ދަން ޖައްސާ ސަރަހައްދު ފެނުމުން އޭނާއަށް ބޮޑު ޝޮކެއް ލިބުމުންނެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު އެމަގާމަށް މީހަކު އައްޔަން ކުރި ނަމަވެސް އޭނާ ވަޒީފާއަށް ނުކުމެފައި ނުވެ އެވެ.

ލަންކާގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުތަކުން މަރަން ހުކުމް ކުރި ނަމަވެސް، 1976ގެ ފަހުން އެހުކުމް ތަންފީޒެއް ނުކުރެ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ދެނީ ލަންކާގައި ގަވާއިދާ ހިލާފު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކަ އެވެ. އަދި އެ ގައުމުގައި ތިބި 24،000 ގައިދީންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުންކަން ފާހަގަ ކުރައްވާފަ އެވެ.

ލަންކާގައި މަރުގެ އަދަބު ދޭން ނިންމެވިކަން ސިރިސޭނާ ފުރަތަމަ އިއުލާން ކުރެއްވީ ޖެނުއަރީ މަހު ފިލިޕީންސަށް ވަޑައިގެން އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރައްވައި، އެގައުމުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ"އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސިރިސޭނާ ވަނީ އޭނާވެސް ބޭނުންފުޅު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅު އަޅަން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް