އެމެރިކާގައި ދެ ލައްކަ ވަޒީފާ އިތުރުވެއްޖެ

އެމެރިކާގެ އިގްތިސޯދުގައި އިތުރު 224،000 ވަޒީފާ އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިއީ އެގައުމުގެ އިގްތިސޯދު ރަނގަޅު ފާލަކަށް އެޅެމުންދާކަމުގެ އަލާމާތެކެވެ. ހުސްވި މެއިމަހު އެމެރިކާގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް މަދުވެފައިވާއިރު ޖޫން މަސް ނިމުނު އިރު ދެ ލައްކަ އަށް ވުރެ ގިނަ ވަޒީފާ އުފެދުމަކީ އެގައުމުގެ އިގްތިސޯދަށް ލިބުނު ކުރިއެރުމެކެވެ. ނަމަވެސް ފާއިތުވި ދެތިންމަހު އެމެރިކާގެ އިގްތިސޯދު އެވްރެޖު ގޮތެއްގައި ކުރިއަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން އާ ވަޒީފާތައް އުފެދޭ މިންވަރު އިތުރުވި ނަމަވެސް، ވަޒީފާ ނެތް މީހުންގެ ނިސްބަތް ރިކޯޑް މިންވަރަކަށް ދަށްވާނެ ކަމަކަށް ނުބެލެވެއެވެ.

ފާއިތުވި މަހު އެންމެ ގިނަ ވަޒީފާ އުފެދުނީ ސިއްހީ ދާއިރާގެ އިތުރުން ހިދުމަތުގެ ދާއިރާއިންނެވެ. އެގައުމުގެ އުފެއްދުންތެރިކަމުގެ ދާއިރާ ވަނީ ކުޑަކޮށް މަޑުޖެހިލައިފައެވެ.

އެމެރިކާގައި ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ އާމްދަނީ އިތުރު ނުވުމަކީ އޮތް ކަންބޮޑުވުމެކެވެ. މިދިޔަ އަހަރު އެގައުމުގައި އާމްދަނީގެ ގޮތުގައި ގަޑިއަކަށް ލިބުނު މިންވަރު މިހާރު ވަނީ 3.1 ޕަސެންޓް ދަށްވެފައެވެ. ވަޒީފާތަކަށް ދާ މީހުންގެ އަދަދު އިތުރު ކުރުމަށް އެމެރިކާގައި މުސާރައިގެ ކުރިއެރުން ގެންނަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް