ޝައިމްގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

ގެއްލިގެން ހޯދި ޝައިމް އަބްދުﷲ---

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ފިލައިގެން އުޅުނު މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ޝައިމްގެ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ޝައިމް މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ކުރިން ބުނީ ޝައިމް ފިލުވައިގެން ގެންގުޅުނުކަމަށށް ތަހުގީގަށް ފަހަގަ ކުރެވިއްޖެނަމަ އެ މައްސަލަވެސް ފުލުހުން ބަލައި އެފަދަ ފަރާތްތަކާމެދު ފިޔަަވަޅު އަޅާނެ ކަމަށެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ފުލުހުން ޝައިމް ހޯދީ މާފަންނުގެ ބުރުޒުމަގުގައި ހުންނަ ގެއަކުންނެވެ.

ޝައިމް ހޯދީ މިދިޔަ ހޯމަ ދުވަހު އެވެ.

ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިިދިޔަ މަހު 18 ވަނަ ދުވަހުއެވެ. އަދި އޭރު އޭނާ ހުރީ ބަލާނެ މީހަކު ނުވެގެން ކުޑަކުދިންގެ ހިޔާގެ ދަށުގަ އެވެ.

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.

ޝައިމް ގެއްލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފަ އެވެ.

comment ކޮމެންޓް