މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން މަރުގެ އިންޒާރު ލިބޭ: ސިރިސޭނާ

ރައީސް ސިރިސޭނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޖުލައި 3): ސްރީލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ ގުޅިގެން މަރުގެ އިންޒާރު ދެމުންދާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭން އޭނާ ނިންމެވުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އެންޖީއޯތަކާއި އެހެނިހެން ގުރޫޕުތަކުންވެސް ވަނީ އޭނާއަށް ފާޑު ކިޔަން ފަށާފަ އެވެ. އަދި ބަޔަކު ވަނީ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދޭންވެސް ފަށާފަ އެވެ.

"ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އެންޖީއޯތަކާއި އެހެނިހެން ގުރޫޕުތަކުން ވެސް ވަނީ އަޅުގަނޑަށް ފާޑު ކިޔަން ފަށާފަ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ މަސައްކަތާ ގުޅިގެން އަޅުގަނޑަށް މަރުގެ އިންޒާރު ދެމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ވަނީ ބުނެފަ. ނަމަވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" ސިރިސޭނާ ވިދާޅުވި އެވެ.

ލަންކާގައި މަރުގެ އަދަބު ނުދޭތާ 43 އަހަރު ފަހުން އެ ހުކުމް ތަންފީޒު ކުރަން ނިންމެވިކަން ސިރިސޭނާ އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހު ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. ސިރިސޭނާ ވަނީ އެގައުމުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ"އަށް ތައުރީފު ކުރައްވާފަ އެވެ.

އަދި މިދިޔަ މަހު ސިރިސޭނާ ވަނީ ހަތަރު މީހަކަށް ވަރަށް އަވަހަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ވާހަކަ ދެއްކެވި ފަރާތްތަކުގެ ތެރޭގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް