މައުމޫން ހަމީދު ވެސް ބާ ކައުންސިލުގެ ރައީސް ކަމަށް، މުއިއްޒު ނައިބު ކަމަށް

ކުރީގެ އޭޖީ އަބްދުﷲ މުއިއްޒު (ކ) ގާނޫނީ ވަކީލު މައުމޫނު ހަމީދު (ވ) ---

ބާ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދު، އަދި އެކައުންސިލުގެ ނައިބު ރައީސް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ބާ ކައުންސިލުގެ ރައީސް، ނައިބު ރައީް އަދި ހިނގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފަ އެވެ.

މައުމޫނު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް ކުރމަތިލާން ހުށަހަޅުއްވާނެ ކަމަށެވެ. މައުމޫނުގެ އިތުރުން ދެން އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އެވެ.

ބާ ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމަސް ކުރިމަތިލާން ގަސްތުކުރާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. މުއިއްޒު އެހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

އޭގެ އިތުރުން ބާ ކައުންސިލުގެ ހިނގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލާންވެސް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.

ބާ ކައުންސިލުގެ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިމަހުގެ 13 އެވެ.

ބާ ކައުންސިލުގެ އިންތިހާބުގެ ވޯޓުލެވޭ ވަކީލުންގެ ލިސްޓު އާންމުކޮށް މިހާރު ވަނީ ޝަކުވާއަށް ހުޅުވާލާފަ އެވެ. މިހާރު އާންމުކޮށްފައިވާ ލިސްޓު ދައްކާ ގޮތުން 1487 ވަކީލުންނަށް ވޯޓުލެވެ އެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް މާލޭގައި ބަހައްޓަން ނިންމާފައި ވަނީ ދެ ފޮށްޓެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކެއްވެސް ފުރަތަމަ ރަޖިސްޓްރީވެފައި ތިބޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށް ކަމަށާއި، އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށެވެ. ރީ ރަޖިސްޓްރީކުރުމަށް ވެސް ހަތަރު ދުވަސް ލިބޭނެއެވެ.

ބާ ކައުންސިލަށް އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެކެވެ. އެ ކައުންސިލުގައި ބަންޑާރަނައިބުވެސް އިންނަވާނެއެވެ.

comment ކޮމެންޓް