ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް، އެންމެ ފަހުން ބާ ކައުންސިލާ ދެކޮޅަށް، ސުޕްރީމް ކޯޓާ ހިސާބަށް ހިނގެއްޖެއެވެ.
ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް، އަދި އޭނާގެ އަންހެނުން މެހެނާޒް ޙުސައިން ބާ ކައުންސިލާ ދެކޮޅަށް ފުރަތަމަ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ނުދިނުމުން، ފަނޑިޔާރުންނާ ހިސާބަށް ވެސް އެ މައްސަލަ ޒުންނަވާރު ގެންދިޔައެވެ. އެކަމަކު ހައިކޯޓުގެ ފަނޑިޔާރުން ވެސް އެ މައްސަލަ ބަލައި ނުގަތުމުން ދެން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
"ސަން"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ، ވަކީލުންގެ ސުލޫކާ ގުޅިގެން، އެ ދެމަފިރިންނާ މެދު ބާ ކައުންސިލުން ތަކުރާރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އެ ދެމަފިރިންގެ ލައިސެންސް ބާތިލުކޮށްފައިވާ ބާތިލުކުރުން ނިމުމަކަށް ގެނެސް، އަލުން ގާނޫނީ މަސައްކަތް ކުރުން އިއާދަކޮށްދިނުމަށް އަމުރުކޮށްދިނުމަށެވެ.
ބާ ކައުންސިލުން އެޅި ފިޔަވަޅުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އޭނާގެ ފަރާތުން އެދިފައިވެއެވެ.
ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ބާ ކައުންސިލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ދެމަފިރިންގެ ތެރެއިން އަނބިމީހާ މެހެނާޒުގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ޒުންނަވާރު، އެ ސިއްކައިގައި މެހެނާޒުގެ ސޮއިކުރުމުން އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ އަހަރެއްހައި ދުވަހަށް ބާ ކައުންސިލުން މިދިޔަ އަހަރު ހިފެހެއްޓިއެވެ.
ބާ ކައުންސިލުން އެކަން ހާމަކޮށް، މޭ މަހު ނެރުނު ބަޔާނެއްގައިވަނީ 2021ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި، މެހެނާޒުގެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެ މީހުންނަށް ރައްދުވާހެން ސުލޫކީ ޝަކުވާއެއް ލިބުނު ކަމަށާއި އެހެންވެ، މި މައްސަލައިގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ފަރާތުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ހުރެ، ޒުންނަވާރު އެއްބަސްވުން ނޯޓަރައިޒްކޮށްދީފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.
މެހެނާޒާއި ޒުންނަވާރު ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހަށް ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.