ޗިލީއާއި އާޖެންޓީނާއަށް ފުރިހަމަ އިރުކޭތައެއް

އާޖެންޓީނާއަށް އިއްޔެ ފެނުނު އިރު ކޭތަ -- ފޮޓޯ: އީޕީއޭ

ސެންޓިއާގޯ (ޖުލައި 3): ޗިލީއާއި އާޖެންޓީނާއަށް އިއްޔެ ފެނުނު ފުރިހަމަ އިރު ކޭތަ އެތައް މިލިއަން މީހުން ހައިރާން ކޮށްލައިފިއެވެ.

އެއީ އޮގަސްޓު 2017 އިގެ ފަހުން ދެކުނު އެމެރިކާގެ ގައުމުތަކަށް ފުރިހަމަ އިރު ކޭތައެއް ފެނުނު ފުރަތަމަ ފަހަރެވެ.

އިރު ކޭތަ ހިފަނީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު، ސީދާ ރޮނގަކަށް ވާ ގޮތަށް އައުމުންނެވެ. އަދި ހަނދުގެ ހިޔަނި ދުނިޔެއަށް އެޅުމުންނެވެ.

ޗިލީގައި އިރު ކޭތަ ހިފާފައި -- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާއާއި ޗިލީ ނޫން، ދެކުނު އެމެރިކާގެ އެހެން ގައުމުތަކަށް ވެސް ވަނީ އިރު ކޭތަ ކޮންމެވެސް ވަރަކަށް ފެނިފައެވެ. އަދި އިރު ކޭތަ ބަލައި ލުމަށް އިއްޔެ ގިނަ އަދަދެއްގެ ފަތުރުވެރީން އެސަރަހައްދުތަކަށް ދިޔައެވެ.

އާއްމު ގޮތެއްގައި އުޑުމަތި ސާފުކޮށް އޮންނަ އުތުރު ޗިލީއަކީ އޮބްޒަވޭޓަރީތަކާއި ދުނިޔޭގެ އެންމެ ބާރުގަދަ ބައެއް ޓެލެސްކޯޕުތައް ހުންނަ ސަރަހައްދެކެވެ. އަދި އެގައުމުގައި ހުންނަ ޔޫރަޕިއަން ސަދަން އޮބްޒަވޭޓަރީގައި އެސްޓްރޮނޮމަރުންނާ އެކު އިރު ކޭތަ ބަލައި ލުމަށް އިއްޔެ ވަނީ 2،000 ޑޮލަރުގެ ޓިކެޓް ވިއްކާފައިވެއެވެ.

އިރު ކޭތަ ބަލަން ގިނަ އަދަދެއްގެ ފަތުރުވެރީން ޗިލީއަށާއި އާޖެންޓީނާއަށް ދިޔަ -- ފޮޓޯ: ރޮއިޓާސް

ދުނިޔެއަށް ދެން ފުރިހަމަ އިރު ކޭތައެއް ފެންނާނީ 14 ޑިސެމްބަރު 2020ގަ އެވެ. އެ އިރު ކޭތަ ވެސް ދެކުނު އެމެރިކާގެ ގައުމުތަކަށް ފެންނާނެއެވެ.

comment ކޮމެންޓް