އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވި ނަމަވެސް އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ އެންގުމަށް ކަމަށް އޭސީސީގެ ތަހުގީގުން ހާމަވެއްޖެ އެވެ.
އެސްއޯއެފް ކުންފުނިން އެތައް މިލިއަން ރުފިޔާއެއް ލޯންޑާ ކުރަމުން ދިޔަކަން އެފްއައިޔޫގެ ސަމާލުކަމަށް އައި ނަމަވެސް އެކަމަށް ފިޔަވަޅު އަޅާފައި ނުވާތީ، އެކަމާ ގުޅޭ ގޮތުން އޭސީސީއިން ހިންގި ތަހުގީގަށް ފަހު މިއަދު ނެރުނު ރިޕޯޓްގައި ބުނީ، އެފްއައިޔޫ އިން 31 ޑިސެމްބަރ 2014ގައި އެސްއޯއެފްއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގް ކަންތައްތަކެއް އެ ކުންފުނިން ހިނގަމުންދާކަން ބަޔާން ކުރާ ކަމަށެވެ.
އެފްއައިޔޫގެ ރިޕޯޓްގެ އުސްއަލިތައް:
- އެސްއޯއެފްއަށް 18.2 މިލިއަން ޑޮލަރު އަދި، 59.7 މިލިއަން ރުފިޔާ އާއެކު ޖުމްލަ 22.1 މިލިއަން ޑޮލަރު ޑިޕޮސިޓްކޮށްފައިވޭ.
- 24 އޯގަސްޓް - 25 ނޮވެމްބަރު 2014 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެމްއެމްޕީއާރުސީއިން އެސްއޯއެފްގެ އެކައުންޓަށް 5.4 މިލިއަން ޑޮލަރާއި 59.75 މިލިއަން ރުފިޔާއާއެކު ޖުމްލަ 9.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވުން.
- އަށް ޓްރާންސެކްޝަންއެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47.5 މިލިއަން ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގުދު ފައިސާއިން ނަގާފައިވުން.
- ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގޭވަރުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގާކަމުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިން އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަން.
އޭސީސީގެ ތަހުގީގަށް އެފްއައިޔޫގެ އޭރުގެ ވެރިޔާ އިއުތިރާފްވެފައި ވަނީ އެ ރިޕޯޓް އެނަލައިޒް ކުރަމުންދިޔައިރުވެސް، އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާއަށް އެނގޭ ކަމަށެވެ. އެ ރިޕޯޓް ތަހުގީގު އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލްކުރިއިރުވެސް، އެގޮތަށް ނިންމީ އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގިހުރެ ކަމަށް ވެސް އެފްއައިޔޫގެ ވެރިޔާ ތަހުގީގުގައި ވިދާޅުވި ކަމަށް ވެސް އޭސީސީއިން ފާހަގަކުރެ އެވެ.
އޭސީސީން ބުނި ގޮތުގައި، އެ ރިޕޯޓް ފައިލް ކުރީ 06 އެޕްރީލް 2015ގަ އެވެ. ޑިސެމްބަރު 2014 އިން ޖޫން 2015 އަށް އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ، އާތިފް ޝަކޫރެވެ. އޭނާ، އޭގެ ފަހުން މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވި އެވެ.
"އޭނާގެ [އެފްއައިޔޫގެ ވެރިޔާގެ] އެ އަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުގީގަށް ފާހަގަ ކުރެވެއެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައިވެ އެވެ،" އޭސީސީގެ ތަހުގީގު ރިޕޯޓްގައިވެ އެވެ.
އޭސީސީއިން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާތިފްގެ މައްޗަށް އުފުލުމަށް އެ މައްސަލަ މިދިޔަ ފެބުރުއަރީ 18ގައި ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން، މިދިޔަ ފެބުރުއަރީ 21ގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.
އޭސީސީގެ ތަހުގީގަށް އިތުރަށް ފާހަގަވެފައިވާ ކަންތައްތަކުގެ ތެރޭގައި، އެފްއައިޔޫއިން އެސްއޯއެފްއާ މެދު ނިންމުމުގައި އޭރުގެ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އާއި އެ ރިޕޯޓް ތައްޔާރުކުރި އެފްއައިޔޫގެ މެނޭޖަރުގެ ބައިވެރިވުމެއް ނެތެވެ.
އެ ނިންމުން އޭސީސީއިން ނިންމި ސަބަބުތަކުގެ ތެރޭގައި، އެސްއޯއެފްއާ ގުޅޭ ގޮތުން، އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓް، އާތިފްގެ އަމިއްލަ އީމެއިލް އެކައުންޓުން އޭރުގެ ގަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަވި ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް އަމަލު ކުރަން އެފްއައިޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް އޭސީސީގެ ތަހުގީގަށް ލިބިފައެއްނުވެ އެވެ.
"ހަމައެހެންމެ، އެ ރިޕޯޓްގައި މަނީ ލޯންޑަރިންގް އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިންގާފައިވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ގަވަރުނަރު އެގޮތަށް އަމަލުކުރުމަށް ބުނެ، އޭނާގެ ނުފޫޒު ފޯރުވައިގެންކަން ސާބިތުކުރެވޭވަރުގެ ހެއްކެއް ކޮމިޝަންގެ ތަހުގީގަށް ލިބިފައިނުވެ އެވެ،" އޭސީސީގެ ރިޕޯޓްގައިވެ އެވެ
އެހެން ނަމަވެސް، އާތިފް ޝަކޫރު އޭސީސީގެ ތަހުގީގަށް ވިދާޅުވެފައި ވަނީ، އެސްއޯއެފްއަށް ފިޔަވަޅު ނާޅާ ރިޕޯޓް ފައިލް ކުރީ، ރާއްޖެ އެތެރެ ކުރާ އަދި ބޭރު ކުރާ ކަޅުފައިސާ ހޯދުމަށް އިސްކަމެއް ދިނުމަށް އޭރުގެ ގަވަރުނަރު އިރުޝާދު ދީފައިވާތީ، އެސްއޯއެފްގެ މުއާމާލާތްތަކުގައި ހުރީ ސީދާ ކަޅު ފައިސާކަން ސާބިތު ނުވާތީ، އެ އިރުޝާދަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. އޭސީސީގެ ތަހުގީގަށް ގަވަރުނަރު އެފަދަ ލަފައެއް ދެއްވިކަން ސާބިތު ކުރެވިފައެއް ނުވެ އެވެ.
މީގެ އިތުރުން، އެފްއައިޔޫއަކީ އެމްއެމްއޭގެ ދަށުން ހިންގާ ޔުނިޓަކަށް ވީ ނަމަވެސް އެފްއައިޔޫއަށް ފާހަގަވާ ކަންކަމާ ގުޅިގެން ފިޔަވަޅު އަޅަން ފޮނުވުމާއި ނުފޮނުވުމުގެ ބާރާއި ފުރިހަމަ އިހުތިޔާރު ސީދާ އެފްއައިޔޫގެ ވެރިޔާއަށް އޮންނަކަމަށް ވެސް އޭސީސީއިން ފާހަގަ ކުރެ އެވެ. އަދި އެފްއައިޔޫގެ ވެރިޔާއަކީ ނިންމުންތައް ނިންމުމުގައި އެމްއެމްއޭގެ ގަވަރުނަރުގެ ލަފާ ހޯދަން ޖެހޭ ފަރާތެއް ނޫން ކަމަށް ވެސް އޭސީސީއިން ވަނީ ފާހަގަކޮށްފަ އެވެ.
"މި ނިންމުމުގެ ސަބަބުން [އެފްއައިޔޫގެ ރިޕޯޓަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން] ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގަށްށް ވަނީ ފާހަގަކުރެވިފަ އެވެ. މީގެއިތުރުން، އެފްއައިޔޫގެ އެނަލިސިސް ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އެފްއައިޔޫގެ އޭރުގެ ވެރިޔާކަން އޭނާގެ އިއުތިރާފުންނާއި، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ،" އޭސީސީގެ ރިޕޯޓްގައިވެ އެވެ.