އާދަމް އާރިފާއި ހަތަރު މެޖިސްޓްރޭޓެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފް: އޭނާގެ އިތުރުން ހަތަރު މެޖިސްޓްރޭޓެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓް ކުރިން ހިންގުމާއި ހަވާލުވެ ހުންނެވި އަދި ފަހުން ޑްރަގް ކޯޓަށް ބަދަލުކުރި ގާޒީ އާދަމް އާރިފާއި ހަތަރު މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުންތައް މީޑިއާއަށް ހާމަ ކުރުމަށް އެ ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ފަސް ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިއަދު ސުލޫކީ މައްސަލަ ބެލުމަށް ނިންމި ފަނޑިޔާރުން:

  1. އާދަމް އާރިފް (ޑްރަގް ކޯޓުގެ ގާޒީ)
  2. ހުސެއިން ރަޝީދު (ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް)
  3. ހަސަން ދީދީ (ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް)
  4. އައިނާން އަލީ މުހައްމަދު (ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް)
  5. އަދުނާން ހުސައިން (ރ. މާކުރަތަ ކޯޓުގެ މެޖިސްޓްރޭޓް)

އިތުރު ފަސް ގާޒީއެއްގެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނައިރު، ތަހްގީގީ އެއްވެސް އިދާރާއަކަށް ފަނޑިޔާރަކާ ބެހޭ ގޮތުން އެއްވެސް ބާވަތެއްގެ މައްސަލަ އެއް ހުށަހެޅި ތަހްގީގު ކުރަމުން ދާ ނަމަ އެކަމެއް އެ ކޮމިޝަނަށް އެންގުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.

އެ ފަސް ފަނޑިޔާރުންގެ އިތުރުން ޖޭއެސްސީން މައްސަލަ ބަލަމުން އަންނަ ފަނޑިޔާރުންނަކީ:

  1. އަބްދުﷲ ދީދީ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު (ސަސްޕެންޑް ކޮށްފައި)
  2. ޝުޖާއު އުސްމާން - ހައިކޯޓުގެ އިސް ފަނޑިޔާރު
  3. ހަސަން ނަޖީބު - ކްރިމިނަލް ކޯޓުގެ ފަނޑިޔާރު
  4. އަހްމަދު ޝުކޫރު - ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް
  5. މުހައްމަދު ރާޣިބު އަހްމަދު - ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް (ސަސްޕެންޑް ކޮށްފައި)
  6. ހަސަން ފަހީމް އިބްރާހީމް - ސިވިލް ކޯޓުގެ ގާޒީ
  7. ހަސަން ސައީދު – ފެމެލީ ކޯޓުގެ ގާޒީ (ސަސްޕެންޑް ކޮށްފައި)
comment ކޮމެންޓް