މާލޭގެ ފަޅުގެއަކުން ބަނގުރަލާއި ޑްރަގް ހޯދައިފި

ފަޅު ގެއަކުން މިއަދު ފުލުހުން ހޯދި ބަނގުރަލާއި މަސްތުވާތަކެތި ---- ފޮޓޯ: ފުލުހުން

މާލޭގެ ފަޅުގެއަކުން ބަނގުރަލާއި ޑްރަގް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު 13:00 އެހައިކަންހާއިރު މަގުމަތިން ދިޔަ 42 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން، ޝައްކު ކުރެވިގެން މަޑު ކުރަން ބުނުމުން، މަޑުނުކޮށް ހެންވޭރުގައި ހުރި ފަޅު ގެއަކަށް ވަދެފައިވާ ކަމަށެވެ.

ބަނގުރަލާއި ޑްރަގް ފެނިފައި ވަނީ ފުލުހުން އެ ގެ އަށް ވަދެ އޭނާ ހައްޔަރުކޮށް އެ ގެ ބަލާ ފާސްކުރުމުންނެވެ.

އެގޮތުން 11 ފުޅި ބަނގުރަލާއި، ބަނގުރާ ހުސްކުރި 15 ފުޅިއާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ޕެކެޓާއި 13 ސެލޯފީން ކޮޅު އަދި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ޓިޝޫ ގަނޑެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެތަކެއްޗާއި އޭނައާ އެއްވެސް ގުޅުމެއް ހުރި ކަމެއް އަދި ނޭނގެއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް