ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ މިއަދު އެ ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ މިއަދު އެ ކޮމިޝަނަށް ލިޔުމުން ޖަވާބު ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިމަހުގެ 20 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ތަހުގީގުގައި ފަނޑިޔާރު އަބްދުﷲ ދީދީ އަށް ވަނީ އެ މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބު ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ހުށަހެޅިފައިވެއެވެ. އޭގެތެރެއިން މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އޭނާއާ ގުޅޭގޮތުން ފާހަގަވެފައިވާ ކަމަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެވެ.
އެއީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުމަށް ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.