ޔޫރަޕުގެ ބައެއް ގައުމުތަކުގައި ހޫނުމިން ރެކޯޑު މިންވަރަކަށް

ހޫނުމިން އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން ވަނީ އާއްމުން އެއްވެ އުޅޭ ތަންތަނުގައި ފިނި ކުރެވޭނެ ގޮތްތައް އިތުރުކޮށްފަ -- ފޮޓޯ: ގެޓީ

ޕެރިސް (ޖޫން 27): ޔޫރަޕްގެ ބައެއް ގައުމުތަކުގައި ރެކޯޑު މިންވަރަކަށް ހޫނުމިން އިތުރުވެއްޖެ އެވެ.

އިއްޔެ ޖަރުމަނާއި ޕޮލެންޑާއި ޗެކް ރިޕަބްލިކްގެ ހޫނުމިން ވަނީ މީގެ ކުރިން އެއްވެސް ޖޫން މަހެއްގައި ނާރާ މިންވަރަށް އަރާފަ އެވެ. އެގޮތުން ޖަރުމަނުގެ އެއް ސަރަހައްދެއްގެ ހޫނުމިން 38.6 ޑިގްރީ ސެލްޝިއަސްއަށް އެރި އިރު ޕޮލެންޑާއި ޗެކް ރިޕަބްލިކްގެ ދެ ސަރަހައްދެއްގެ ހޫނުމިން 38.2 އާއި 38.9 ޑިގްރީ ސެލްޝިއަސްއަށް އެރި އެވެ.

މީޓިއޮރޮލޮޖިސްޓުން ލަފާ ގޮތުގައި މިއަދާއި މާދަމާ ފްރާންސާއި ސްޕެއިން އާއި ސުވިޒަލޭންޑުގެ ހޫނުމިން 40 ޑިގްރީ ސެލްޝިއަސްއަށް ވުރެ އިތުރުވާނެ އެވެ. އެގޮތުން ފްރާންސުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މާދަމާ އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 45 ޑިގްރީ ސެލްޝިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. އެގައުމުގައި ޖޫން މަހަކު ހޫނުމިން އެންމެ މަތިވި ކަމަށް ރެކޯޑު ކުރެވިފައި ވަނީ 2003ގަ އެވެ. އޭރު ހޫނުމިން އެރީ 41.5 ޑިގްރީ ސެލްޝިއަސްއަށެވެ.

އޭގެ ސަބަބުން ފްރާންސުގެ ބައެއް ސްކޫލުތައް ބަންދުކޮށް، އިމްތިހާނުތައް ވަނީ ފަސްކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވަގުތީ ފެން އަރުވާ ވަޑާން ހަދައި، އާއްމުން ބޭނުން ކުރާ ފަތާ ފެންގަނޑުތައް ބޭނުން ކުރެވޭ ވަގުތު ވަނީ އިތުރުކޮށްފަ އެވެ.

ޔޫރަޕްގެ އުތުރުގައި އޮންނަ ގައުމުތަކަށް މިގޮތަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތަކާ ކުރިމަތިލާން ޖެހެނީ އެސަރަހައްދުގައި އެޓްމޮސްފެރިކް ޕްރެޝާ މަތިވެ، އޭގެ ސަބަބުން އުތުރު އެފްރިކާއިން ހޫނު ވައި އެދިމާލަށް ދަތުރު ކުރާތީ އެވެ.

ހޫނު މޫސުމުގެ ބައެއް ދުވަސްތަކުގައި އެގޮތަށް 'ހީޓްވޭވް' އައުމަކީ އާއްމު ކަމެއް ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނުމިން އިތުރުވެ، އާދަޔާ ހިލާފަށް ހޫނުގަދަވާ ދުވަސްތައް ގިނަވަމުންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ބުނެ އެވެ.

comment ކޮމެންޓް