އދ. (ޖޫން 27): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި މައްސަލައާ ގުޅިގެން އދ.އިން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ އދ.ގެ އެކްސްޓްރާޖުޑިޝަލް އެކްސެކިއުޝަންސް އިންވެސްޓިގޭޓަރު އެގްނެސް ކަލަމާޑް އެޖަމިއްޔާއަށް ފާޑު ވިދާޅުވެއްޖެއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ކަލަމާޑްގެ ތަހުގީގީ ރިޕޯޓު ހުށަހަޅަމުން އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިޔާގެ މަރާ ގުޅިގެން ފިޔަވަޅު ނޭޅުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެކެވެ.
"ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީ،" ހާޝުގްޖީގެ މަރުގެ މައްސަލައިގައި ބައިނަލްއަގުވާމީ ޖިނާއީ ތަހުގީގެއް ކުރުމަށް ގޮވާލަމުން ކަލަމާޑް ވިދާޅުވިއެވެ.
އަންގާރަ ދުވަހު މީޑިއާއާ ވާހަކަ ދައްކަވަމުން ކަލަމާޑް ވިދާޅުވި ގޮތުގައި އދ.އިން އެމައްސަލަ ތަހުގީގުކުރަން ޖެހެއެވެ. އަދި އެމައްސަލައިގައި އދ.އިން ހަނު އޮތުމަކީ އދ. އަށާއި މުޅި ދުނިޔެއަށްވެސް ރަނގަޅު ގޮތެއް ނޫނެވެ.
ކަލަމާޑްއަށް ރައްދު ދެއްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި އެފަދަ ތަހުގީގެއް ފެށޭނީ ސަލާމަތީ މަޖިލީހުން އެކަން ކުރުމަށް ގަރާރެއް ފާސް ކުރުމުންނެވެ.
ނަމަވެސް ކަލަމާޑް ވަނީ ޖިނާއީ ކުށުގެ މާހިރުންގެ ޕެނަލެއް އެކުލަވާލުމުގެ ބާރު ގުޓަރޭސްއަށް ލިބިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ގުޓަރޭސްއަށް އެފަދަ އުޒުރު ދެއްކުމަށް ފުރުސަތު ނުދިނުމަށްޓަކައި މެމްބަރު ގައުމުތަކުން ގަރާރެއް ފާސްކުރުމަށް ގޮވާލައްވާފައެވެ.
އެ ރިޕޯޓު އާއްމު ކުރުމުން ސައުދީ އަރަބިއާއިން ވަނީ ބައިނަލްއަގުވާމީ ތަހުގީގަކަށް ދެކޮޅު ހަދައި، ހާޝުގްޖީގެ މަރުގެ ޝަރީއަތް ކުރިއަށްގެންދާނީ އެގައުމުން ކަމަށް ބުނެފައެވެ.
ސައުދީން ވަނީ ހާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ 11 މީހެއްގެ ޝަރީއަތް ފަށާފައެވެ. ނަމަވެސް ކަލަމާޑް ވަނީ އެގައުމުގެ ޝަރީއަތް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ވިދާޅުވެފައެވެ.
ކަލަމާޑްގެ 100 ސަފްހާގެ ރިޕޯޓުގައިވާ ގޮތުން ހާޝުގްޖީ މަރާލުމުގެ ފަހަތުގައި ވަނީ ސައުދީ އަރަބިއާގެ އިސް ވެރިންނެވެ. އަދި އެ ހާދިސާއާ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުމެއްވާ ކަމުގެ ހެކި އެބަހުރި ކަމަށާއި އެމައްސަލައާ ގުޅިގެން ވަލީއަހުދު ތަހުގީގުކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ވެއެވެ.
ކަލަމާޑްއަކީ އޭނާގެ ތަހުގީގުގެ ނަތީޖާ އދ.އަށް ރިޕޯޓުކުރާ މިނިވަން މާހިރެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ދޭއްގައި ހާޝުގްޖީ މަރާލީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޭނާ ދިޔުމުންނެވެ. އޭރު އަމިއްލައަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެމުން ދިޔަ ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ އަންހެނަކާ ކައިވެނިކުރުމަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ. ހާޝުގްޖީގެ ހަށިގަނޑަށް ވީގޮތެއް އަދިވެސް ނޭނގެއެވެ.