ފަސިންޖާ ޓާމިނަލްގެ ޕްލޭނަށް ބަދަލު ގެންނަނީ

ވީއައިއޭގައި އަލަށް އަޅާ ޓާމިނަލްގެ މަސައްކަތް ފަށަން ތައްޔާރުވެފައި --- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ފަސިންޖާ ޓާމިނަލްގެ ޕްލޭނަށް ބަދަލު ގެނެސް ކޮންޓްރެކްޓަރާއެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފިއެވެ.

ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފައެވެ. ކުރީގެ ޕްލޭނުގައިވާގޮތުން އާ ޓާމިނަލުން 7.5 މިލިއަން ފަސެންޖަރުންނަށް އަހަރެއް ތެރޭ ހިދުމަތް ދެވޭނެއެވެ. 38 އިމިގްރޭޝަން ކައުންޓަރާ އެއިރޯ ބްރިޖުރަކާ އެކު އަޅާ ޓާމިނަލް އެޅުމަށް އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ވަނީ މަސައްކަތް ފަށައިފައެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވަނީ ޓާމިނަލް ޕްލޭނަށް ބަދަލު ގެނެސްް ޕްލޭނުގައިވާ ވަރަށްވުރެ ޓާމިނަލް ބޮޑުކުރާށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެއެވެ.

ސަރުކާރު ބަދަލުވީއިރު ޓާމިނަލްގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގޮސްފައިއޮތީ ޕައިލް ކުރުމުގެ މަސައްލަތް އެކަންޏެވެ. 1300 ޕައިލް ޖެހުން ފިޔަވައި މާބޮޑު މަސައްކަތެއް ނުކޮށް، ޓާމިނަލް މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ސައުދީގެ ބިންލާދިން ގްރޫޕާ މިހާރުގެ ސަރުކާރުން ވަނީ ޓާމިނަލްގެ މަސައްލަތް އަވަސް ކުރުމަށް މަޝްވަރާ ކޮށްފައެވެ. ޓާމިނަލްގެ މަސައްކަތަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕިޑް ފަންޑުން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން އަޅާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ނިމި ބޭނުން ކުރެން ފެށޭނީ 2022 ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

އާޓަމިނަލްގެ ބޭނުން ކުރަން ފެށުމާއެކު މިހާރުގެ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރާނީ ޑޮމެސްޓިކް ދަތުރު ތަކަށެވެ.

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ އަށް ބިލިއަން ޑޮލަރު ހަރަދު ކުރާއިރު އެ މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު އާ ފިއުލްފާމާއި ވީއައިޕީ ޓާމިނަލްގެ އިތުރުން ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް