ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކުއްޖާގެ އާއިލާގެ ފަރާތުން ހަވަލުވާނެ މީހަކު ނުވުމުން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝައިމް ގެއްލުނު މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޝައިމްގެ މައްސަލައެއް އެންމެ ފުރަތަމަ މިނިސްޓްރީ އަށް ހުށަހެޅުނީ 2009 ވަނަ އަހަރުގެ ޖޫން 10 ގައި ކަމަށެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޝައިމްގެ މައްސަލަ ޖެންޑާ އަށް ހުށަހެޅުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝައިމް 14، ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނު ކުރީ ޖޫން 19 ވަނަ ދުވަހުއެވެ. އޭގެފަހުން ހަފްތާއެއް ވެފައިވާއިރު ޝައިމްގެ ހަބަރެއް ވެފައެެއް ނުވެއެވެ. ޝައިމް ހޯދުމަށް ކޯޓު އަމުރާއެކު ދެ ގެއެއް ބަލާ ފާސްކޮށްފައިވާއިރު ސީސީޓީވީ ފޫޓޭޖުތައް ބަލައި އަތޮޅު ތަކުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކާ ގުޅިގެން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޝައިމް އަކީ ކުށުގެ ވެށީގައި އުޅުނު ކުއްޖެއް ކަމަށާއި އޭނާ ދައުލަތުގެ ބެލުމުގެ ދަށަސް ގެންދެވުނީވެސް ކުށުގެ ވެށިން ކަމަށް ޖެންޑާ މިނިސްޓްރީ އިން މީގެ ކުރިން ވަނީ ބުނެފައެވެ. އެފަދަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވިކަން މިނިސްޓަރު މިއަދު ފާހަގަކުރެއްވިއެވެ.
ޝައިމް އާ ގުޅުން ހުރި މައްސަލައިގެ ހުލާސާއެއް:
- އެންމެ ފުރަތަމަ ޝައިމްގެ މައްސަލައެއް ހުށަހެޅުނީ 2009 ޖޫން 10 ގައި. އެއީ އާއިލާގެ ތެރެއިން އިހުމާލުވުމުގެ މައްސަލައެއް
- އެގެ ފަހުން އެކި ދުވަސްތައް މަތިން މި މައްސަލާގައި އެކި ފިޔަވަޅުތައް ޖެންޑާ މިނިސްޓްރީ އިން ވަނީ އަޅާފައި.
- ޝައިމް އުޅޭ މާހައުލަކީ އެންމެ އެކަށީގެންވާ ރައްކާތެރިކަން ލިބެ މާހައުލަކަށް ނުވާތީ އެ މާހައުލުން ދުރުކުރީ 2015 ވަނަ އަހަރުގެ ތެރޭގައި
- ފުރަތަމަ ޝައިމް ކުޑަކުދިންގެ ހިޔާ އަށް ނެގީ އޮކްޓޯބަރު 25، 2015 ގައި
- އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ޝައިމް ބެލުމަށް، ޝައިމް އާ ހަވާލުވުމަށް އެކަމަށް ޝައުގުވެރިވާ ފަރާތަކުން ރަސްމީކޮށް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި. މިނިސްޓްރީގައި އޮންނަ އިންޓެރިމް ފޮސްޓަރިން އުސޫލުގެ ދަށުން އެއްބަސްވުމެއްގެ ދަށުން 2016 ޖެނުއަރީ 11 ވަނަ ދުވަހު ޝައިމް ހަވާލު ކުރި
- ޝައިމް އާއި ގުޅުން ހުރި އިތުރު މައްސަލަތަކެއް 2017 ވަނަ އަހަރު ޖެންޑާ އަށް ހުށަހެޅުނު. އޭގެ ތެރޭގައި ގަވައިދުން ސްކޫލަށް ހާޒިރު ނުވުމާއި ގިނަ ވަގުތު ބޭރުގައި އުޅޭ މައްސަލަވެސް ހިމެނޭ. ބަހަލައްޓާ ފަރާތަށް ބަހަލައްޓަން އުނދަގޫ މައްސަލަވެސް ހުށަހެޅިފައިވޭ
- ސެޕްޓެމްބަރު 2018 ގައި ޝައިމްގެ މަންމަ އޭނާ ގޮވައިގެން ގެސްޓުހައުސްއެއްގައި އުޅެމުންދާކަމަށް މައުލޫމާތު ލިބިގެން ޖެންޑާ އިން އެ ދެމައިން ހޯދުމަށް މަސައްކަތް ކުރި. ނަމަވެސް ގެސްޓުހައުސް ގައި އެ ދެމައިން ނޫޅޭކަމަށް އެތަނަށް ގޮސް ހޯދި މައުލޫމާތުން އެނގުނު
- މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ޝައިމް އުޅޭ ކަމަށް މައުލޫމާތު ލިބޭ އެޑްރެހަށް ގޮސް ބެލިއިރު، އެ ގޭގައި އޭނާ އުޅެމުން ނުދާކަމަށް ފާހަގަ ކުރެވުނު. ޝައިމްގެ ހާލަތު މޮނީޓާކުރުމަށް އޭނާ އުޅޭ އެޑްރެސް ހޯދައިދިނުމަށް ސިޓީއަކުން ފުލުހުންނަށް އެދިފައިވޭ.
- މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝައިމްގެ މައްސަލައާއި ގުޅޭގޮތުން އެޑިއުކެޝަނާއެކު ކޭސް ކޮންފަރެންސިންއެއްވެސް ހެދި. އެއީ ކުއްޖާގެ ރައްކާތެރިކަމަށް ހައްލު ހޯދުމަށް
- ޝައިމް އުޅޭ އެޑްރެހެއް ނޭނގޭތީ 2018 އޭޕްރީލް މަސް ތެރޭ، ކުއްޖާ އުޅޭ އެޑްރެހާއި ބެލެނިވެރިޔާ އާއި ގުޅޭނެ ގޮތް ހޯދައިދިނުމަށް ޖެންޑާ އިން ފުލުހުންގެ ކިބައިން އެދުނު
- އޭޕްރީލް 14، 2019 ގައި ޝައިމް އުޅޭ އެޑްރެސް ފެނިފައިވާކަމަށް ފުލުހުން ޖެންޑާ އަށް އެންގި
- ޝައިމް ބަހައްޓާ ފަރާތުން 24 އޭޕްރީލް 2019 ގައި ޖެންޑާ މިނިސްޓްރީ އަށް ހާޒިރުވެ، ޝައިމް ދިރިއުޅެނީ ކުށުގެ ވެށީގައި ކަމަށާއި ކުއްޖާ އިތުރަށް ނުބެލޭނެ ކަމަށް ތަކުރާރުކޮށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް (އެފްސީޕީޑީ) ހާޒިރުވެ މައުލޫމާތު ދީފައިވާކަމަށް ބުނެފައިވޭ. އޭރުވެސް ޝައިމް ގެއަށް ނުދާތާ އެއް މަސް ވެފައިވާކަމަށް ބެލެނިވެރިޔާ ބުނެފައިވޭ
- ތިންވަނަ ފަހަރަށް ޝައިމް ހޯދައިދިނުމަށް ފުލުހުންގެ ކިބައިން އެދުނު
- އޭޕްރީލް 25، 2019 ގައި ޝައިމް ދިރިއުޅޭ އެޑްރެސް ކަމަށް ފުލުހުން މައުލޫމާތު ދިން އެޑްރެހަށް ދިޔައިރު، ޝައިމް ގެއަށް ނާންނަ ކަމަށާއި ކުށުގެ ވެށީގައި އުޅެމުންދާ ކަމަށް ބަލަހައްޓާ ފަރާތުން މައުލޫމާތު ދިން
- .ޝައިމް އާއި ގުޅޭނެ ގޮތެއް ނޭނގޭތީ އާއިލާ އިން ވަނީ އެކަން މިނިސްޓްރީ އާއި ހިއްސާކޮށްފައި
- ޖޫން 3، 2019 ގައި ފުލުހުންގެ އެފްސީޕީޑީ އިން މިނިސްޓްރީގެ އޮންކޯލް ފޯނަށް ގުޅާ، ޝައިމް ފެނިފައިވާކަމަށް މައުލޫމާތު ދިން
- މިނިސްޓްރީ އިން އެފްސީޕީޑީ އަށް ގޮސް، ޝައިމް އަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ކުރިން ފޯރުކޮށްދޭންޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށް އެފްސީޕީޑީގެ އިސްވެރިންނާ މަޝްވަރާކޮށް، އެރޭ އެފްސީޕީޑީގައި ޝައިމް ބެހެއްޓި
- ޝައިމް އާއި މެދު ގޮތެއް ނިންމުމަށް އޭނާގެ އާއިލާ އާއި ވާހަކަ ދައްކާ އާއިލާ އިން ރައްކާތެރިކަން ހޯދޭނެ އެއްވެސް މަގެއް އޮތްތޯ ބެލި
- ޖޫން 4، 2019 ގައި ޝައިމް ބަލަހައްޓާނެ އިތުރު ފަރާތެއް އާއިލާއިން ހަމަނުޖެހުމުންނާއި، ކުރިންް ޝައިމް ބެލެހެއްޓި ފަރާތުން އިތުރަށް ޝައިމް ބެލެހެއްތުމުގެ މަސައްކަތް ކުރަން ބޭނުންނުވާކަމަށް ތަކުރާރުކޮށް މިނިސްޓްރީ އަށް މައުލޫމާތު ދީފައިވާތީ، ދައުލަތުގެ ބެލުމުގެ ދަށަށް ޝައިމް ނެގުމަށް ނިންމާ ކުޑަކުދިންގެ ހިޔާ އަށް ދެވަނަ ފަހަރަށް ގެންދިޔަ
- ޝައިމް ކުޑަކުދިންގެ ހިޔާގައި ބެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް ހިޔާގައި ކަންތައް ހުންނަ ގޮތުން އެހެންކުދިންނާ އެކު ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާތީ، އެހެންކުދިންނާ ވަކިން ޝައިމް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސި
- އޭގެ ފަހުން ހިޔާގައި އުޅުނު އިރު ބިހޭވިއަރަލް މައްސަލަތައް ފެންމަތިވި . އޭގެ ތެރޭގައި ތަކެއްޗަށް ގެއްލުންދިނުމާއި މާރާމާރީގެ މައްސަލަވެސް ހިމެނޭ. މާރާމާރީގެ މައްސަލަ ފުލުހުންނާ ގުޅިގެންވެސް ވަނީ ބަލާފައި
- ޖޫން 18، 2019 ގައި ހިޔާ އިން ޝައިމް ފިލި ކަމަށް މައުލޫމަތު ލިބުނު. ޖޫން 19 ވަނަ ދުވަހު އެކަން ފުލުހުންނާ ހިއްސާ ކުރި
- ޝައިމް ފިލި ރޭ ތިން ފަހަރެއްގެ މަތިން ޑިއުޓީގައި ހުރި މުވައްޒަފު ވަނީ ޝައިމް އޮތްތޯ އޭނާގެ ކޮޓަރި ބަލާފައި. އެއީ 23:40، 2:30 އަދި 4:00 ގައި. ޝައިމް އާންމުކޮށްވެސް ނިދަނީ މުޅި މޫނުވެސް ފޮރުވޭގޮތަށް ބެޑްޝީޓް އަޅައިގެން ކަމަށްވާތީ، އެރޭ ވެސް އޭނާ އެތާ އޮތްތޯ ބެލުމަށސް ބެޑްޝީޓް ނަގައިފައެއް ނުވޭ.
ޖެންޑާ މިނިސްޓަރު ވިދާޅުވީ ޝައިމް ހުންނަ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގެ މަރާމާތުގެ މަސައްކަތެއް ކުރަމުންދާ ކަމަށާއި އޭނާ ފިލާފައިވަނީ އެ ކޮޓަރީގެ ކުޑަދޮރުން ފުންމާލައިގެން ކަމަށް ބެލެވޭ ކަމަށެވެ. ޝައިމް ނިދާފައި އޮއްވާ މޫނު މަތީ އޮތް ބެޑްޝީޓު ނަގައި، އޭނާ އެތަނުގައި އޮތްތޯ ނުބެލުމަކީ އިހުމާލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ކުޑަކުދިންގެ ހިޔާ އަކީ އަހުލާގީ މައްސަލަތައް ހުންނަ ކުދިން ބެލެހެއްޓުމަށް ތަމްރީނު ވެފައި ތިބި މުވައްޒަފުން ތިބި ތަނެއް ނޫން ކަން ޝިދާތާ ފާހަގަ ކުރެއްވިއެވެ.
"އެއީ ސަބަބެއް ކަމަށް ވެދާނެ. އެކަމަކު އެކަން ވަންޖެހޭނެ ގޮތް ކަމަށް ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
"މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދީ، މިފަދަ ހާލަތްތަކުގައިވެސް ކަންކުރާނެ އިޖުރާތްތައް ތަފްސީލުކޮށް އެފަދަ ޕްރޮޓޮކޯލްސްތައް ގާއިމް ކުރުމަކީ ކުރަންޖެހޭނެ ކަމެއް. އެކަން ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،"
މިނިސްޓަރު ވިދާޅުވީ ޝައިމް ހޯދުމަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށެވެ. އާންމުކޮށް ކުޑަކުދިންގެ ހިޔާ އަށް އެފަދަ ކުދިން ގެންދަނީ ވިކްޓިމް ސަޕޯޓު ދިނުމަށް، ކުދިންނަށް ހާއްސަ ރައްކާތެރިކަން ދިނުމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެތަނަކީ އެކިކަހަލަ ކުށުގެ ވެށިން ގެންނަ ކުދިންނަށް ހިދުމަތްދޭ ޕްރޮގްރާމު ހިންގުމަށް ތައްޔާރު ކުރެވިފައިވާ މަރުކަޒެއް ނޫން،" މިނިސްޓަރު ވިދާޅުވީ ވަކި އުމުރެއްގެ ކުދިންނަށް ރައްކަތެރިކަންދޭން ވަސީލަތްތައް ގާއިމް ކުރަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ.
"ނަމަވެސް ދައުލަތުގައި އަދި މިފަދަ ކުދިންނަށް ހިދުމަތްދެނެ ވަކި މަރުކަޒެއް ގާއިމް ކުރެވިފައެއް ނުވޭ،"
ޝައިމް ގެއްލުނު މައްސަލައިގެ ތަފްސީލު ބެއްލެވި ކަމަށާއި، އެފަދަ މައްސަލަތައް ހިނގުމަށް ދިމާވާ މައްސަލަތައް ޖެންޑާ މިނިސްޓްރީ ތެރޭގައްޔާއި އެފަދަ ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި، ސަމާލުކަން ނުދެވި އޮތް ދާއިރާއެއް މިއީ. އެތަންތަން ރަނގަޅު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން. މައްސަލަތަކާ ގުޅިގެން ރަނގަޅު ކުރަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" މިހާރުވެސް އެތަންތަނުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުން ރައްކާތެރިކަންދޭ ކުދިންނާއި މީހުން ތިބޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށާއި އެކަމަށް އަޅަމްޖެހޭ ފިޔަވާޅުތައް މިހާރުވެސް އަޅަމުންދާކަން ޖެންޑާ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ވިދާޅުވިއެެވެ.
ޝައިމް ގެއްލުމުނު މައްސަލަ ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލާއިރު، އެ މައްސަލަ އާއި ގުޅުންހުރި މައުލޫމާތު ޖެންޑާ މިނިސްޓަރު ވަނީ ކެބިނެޓާ ވެސް ހިއްސާކޮށްފައެވެ. ޝައިމް ގެއްލުނު މައްސަލާގައި މިހާތަނަށް ފުލުހުން ވަނީ ތިން ގެއެއް ބަލާ ފާސްކޮށްފައެވެ
ޖެންޑާގެ ބެލުމުގެ ދަށުގައި ތިބޭކުދިން ބެލުމަށް ހަވާލު ކުރާއިރު އެ ހަވާލު ކުރާ މީހާ އަކީ ކޮންކަހަލަ މީހެއްތޯ ބަލާ ކަމަށާއި، އާއިލާ އާއި ކައިރި ނުވަތަ ދުރުތާ ތިމާގެ މީހަކާ ހަވާލު ކުރެވޭތޯވެސް ބަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.