މެޖިސްޓްރޭޓް ޝުކޫރުގެ މައްސަލަތަކެއް ބަލަން ޖޭއެސްސީން ނިންމައިފި

ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރު

ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ މިއަދު އެ ކޮމިޝަނުން ނިންމީ ޝުކޫރުގެ ހަތަރު މައްސަލައެއް ބެލުމަށް ކަމަށެވެ. އަދި ކުރިންވެސް އޭނަގެ އިތުރު ޝަކުވާއެއް ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު ކޮމިޝަނުން ބަލަމުންދާ މެޖިސްޓްރޭޓް އަހްމަދު ޝުކޫރުގެ މައްސަލައެއް އެބައޮތް. އެހެންވީމަ، މިވަގުތު މެޖިސްޓްރޭޓް ޝުކޫރުގެ ފަސް ޝަކުވާއެއް ކޮމިޝަނުން ބަލަމުން އެބަދަން،" ޒަހީން ވިދާޅުވިއެވެ.

އޭނާއާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް އަދި ނޭނގެއެވެ.

ޝުކޫރުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާ ގުޅޭ އިތުރު ތިން މައްސަލައެއް ބެލުމަށް ވެސް މިއަދު ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.

މީގެއިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ގުޅޭ އިތުރު މައްސަލައެއް ބެލުމަށް ވެސް މިއަދު ވަނީ ނިންމާފައެވެ.

"މިވަގުތު ކ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ބެހޭގޮތުން އަށް ޝަކުވާ ކޮމިޝަނުން ބަލަމުން އެބަދަން،" ޒަހީން ވިދާޅުވިއެވެ.

comment ކޮމެންޓް