ބްރޯޑްކާސްޓިގް ކޮމިޝަނުގެ މެމްބަރުކަމުން އިސްމާއިލް ސޮފްވާން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާގެ ސިޓީ ސޮފްވާން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ. އެސިޓީގައި ސޮފްވާން ވިދާޅުވީ އޭނާ ވަޒީފާއަށް ހާޒިރު ނުވެވުނީ ދިގު މުއްދަތަކަށް ސިއްހީ ފަރުވާއެއް ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ސޮފްވާން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މެމްބަރު ކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.
ސޮފްވާންގެ ސިޓީގައި ވިދާޅުވެފައި ވާގޮތުން އޭނާ ބްރޯޑްކޮމްގެ މެމްބަރުކަމުގައި ހުރެ އެއްވެސް ނުފޫޒެއް އެއްވެސް މެމްބަރަކަށް ނުފޯރުވައެވެ. އަދި އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް މައްސަލައެއް ނުނިންމާ ކަމަށް ވިދާޅުވިއެވެ.
ސޮފްވާން ވަކިކުރަން މިނިވަން މުއައްސަސާ ކޮމިޓީއިން ނިންމި ސަބަބަކީ، އޭނާ ކޮމިޝަނުގެ ވަޒީފާއަށް ނުނިކުންނަވާތީއެވެ.
އޭނާ ވަނީ އިސްތިއުފާގެ ސިޓީގައި އެކަމާ ގުޅިގެން ޖަވާބެއް ދެއްވާފައެވެ. ވިދާޅުވެފައި ވަނީ ދިގުމުއްދަތަކަށް އޭނާ އޮފީހަށް ހާޒިރުނުވެ ހުރި ނަމަވެސް ހާޒިރުނުވަނީ ކީއްވެތޯ ސާފުކުރަން ބްރޯޑްކޮމްއިން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
ސޮފްވާން ބްރޯޑްކޮމްއަށް އައްޔަނު ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.
އެންމެ ފަހުން މިނިވަން މުއައްސަސާ ކޮމިޓީއަށް ބްރޯޑްކޮމް ހާޒިރު ކުރި ދުވަހު މެމްބަރުން އަދި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ސޮފްވާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. ވިދާޅުވީ ރައީސް ޔާމީން އަންގައިގެން ރާއްޖެ ޓީވީ ބަންދުކުރަން ސޮފްވާން އުޅުއްވި ކަމަށެވެ.